ޚަބަރު

އިނގިރޭސި ޕްރެމިއާ ލީގުގެ ގިނަ މަގާމުތައް ލިވަޕޫލްއަށް!


އިނގިރޭސި ޕްރެމިއާ ލީގުގެ ގިނަ މަގާމުތައް ދެ ވަނަ އަށްދިޔަ ލިވަޕޫލްގެ ކުޅުންތެރިން ހޯދައިފިއެވެ.

އެންމެ ގިނަ ކްލީން ޝީޓާއިއެކު ލީގުގެ އެއްވަނަ ކީޕަރަކަށް ހޮވުނީ ލިވަޕޫލްގެ ބްރެޒިލްގެ ކީޕަރު އަލިސަން ބެކާއެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކޮށް ދެ ވަނަ އަށް ދިޔައީ ސިޓީގެ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރައޭސްއެވެ. ތިން ވަނަ އަށް ދިޔައީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާއެވެ. އެލިސަން 21 ކްލީން ޝީޓް ހޯދިއިރު އެޑަސަން އަށް ހޯދުނީ 20 ކްލީން ޝީޓެވެ.

ލީގުގެ ރަންބޫޓު ތިން ކުޅުންތެރިއަކަށް ލިބުނެވެ. އެއީ ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސާދިއޯ މާނޭ އާއި އާސެނަލްގެ ފޯވަޑް އެމްރިކް އައުބަމަޔަންގއެވެ. ތިން ކުޅުންތެރިންވެސް ލީގުގައިވަނީ 22 ގޯލް ޖަގާފައެވެ. މި ތިން ކުޅުންތެރިންނަށް ވެސް މެޗަށް ފަހު ރަންބޫޓު ހަވާލުކުރިއެވެ.

އެންމެ މޮޅު ޕްލޭމޭކަރަކަށް ހޮވުނީ ޗެލްސީގެ އެޑެން ހަޒާޑެވެ. ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއެވެ.
މި މަގާމަށް އޭނާއާއި އެންމެ ގާތުން ވާދަކުރީ ސިޓީގެ ރަހީމް ސްޓާލިންގ، ލިވަޕޫލްގެ މުހައްމަދު ސަލާ އަދި ޗެލްސީގެ އެޑެން ހަޒާޑެވެ.