ސިޔާސީ

މ. އަތޮޅުގެ ރަށްތަކުގެ ކަންބޮޑުވުންތައް ހޯމް މިނިސްޓަރާއި ހިއްޞާކުރައްވައިފި


މުލަކު އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ މަޢުލޫމާތު އަތޮޅު ކަައުންސިލާއި ބައެއް ރަށު ކައުންސިލްތަކުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހިއްޞާކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ މ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކައުންސިލްތައް ހިންގުމާއި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައްވެސް ޙިއްޞާ ކޮށްފައިވެއެވެ.

މީގެ އިތުރުން މ.އަތޮޅުގެ ކައުންސިލަރުން ވަނީ އެ ރަށްރަށުގައި ފުލުހުންގެ ދައުރު ވީހާ ވެސް ބޮޑަށް ހަރުދަނާކޮށްދިނުމަށް އެދިލައްވާފައެވެ. އަދި ފުލުހުން މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ދެއްވުމަށްވެސް އެދިފައިވެއެވެ.

މ.އަތޮޅުގެ ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ހޯމް މިނިސްޓަރު އިމްރާން ވަނީ ކައުންސިލްތައް ބާރުވެރިކޮށް ކައުންސިލްތަކަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.