ޚަބަރު

ވިޔަފާރީގެ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން، ޗައިނާއިން ދެނީ!


ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި ރާއްޖެއިން ޗައިނާ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯރ މާކެޓް ރެގިއުލޭޝަންގެ މިނިސްޓަރ ޒޭންގ މާއޯ އެވެ.

މިއެއްބަސްވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމާއި ސްޓެންޑަރޑްސް އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މަސައްކަތްކުރެވިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޗައިނާއާއެކު އެކުލަވާލެވުނު މިއެއްބަސްވުމަކީ ވަރަށް ފުޅާ އަދި މުހިއްމު އެއްބަސްވުމެއްކަމަށެވެ. ޗައިނާއަކީ ދުނިޔޭގެ އިޤްތިސާދީ ބޮޑު ބާރަކަށްވުމާއެކު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ޗައިނާގެ ފަރާތުން ފަންނީގޮތުން ބޮޑެތި އެހީތައް ލިބިގެންދާނެކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

"މައިގަނޑުގޮތެއްގައި ރެގިއުލޭޓަރީ ދާއިރާތަކަށް ފަންނީ އެހީތެރިކަން ލިބެނޭ. މާކެޓް ރެގިއުލޭޝަން، ކޮންސިއުމަރ ޕްރޮޓެކްޝަން، ސްޓޭންޑަރޑްތައް ކަނޑައެޅުމުގައި. މިހާރު މިކަންކަމަކީ ދުނިޔޭގެ ފެންވަރުގައި ހިފެހެއްޓިފައި ހުންނަން ޖެހޭކަންކަން " މިނިސްޓަރ ވިދާޅުވިއެވެ.


ކުރީގެ ސަރުކާރުން 2017 ވަނަ އަހަރު ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާފައިވެއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުން ހިމެނޭގޮތަށް ޖުމްލަ 12 އެއްބަސްވުމެއް ކުރީ ސަރުކާރުން ޗައިނާއާއެކު އެކުލަވާލާފައިވެއެވެ. މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ޗައިނާ އާއިއެކު ޤާއިމްކުރި ފްރީ ޓްރޭޑް އެއްބަސްވުން މިހާރު މުރާޖަޢާ ކުރަމުންދާކަމަށެވެ. ނަމަވެސް މިއަދު އިކޮނޮމިކް މިނިސްޓްރީން ޗައިނާ އާއިއެކު ސޮއިކުރި މި އެއްބަސްވުމަކި މިޒާތުގެ އެއްބަސްވުމެއް ނޫންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ފްރީ ޓްރޭޑް އެގްރީމެންޓް މިދަނީ މުރާޖައާކުރަމުން އެކަން ކުރިއަށްގެންދިޔަ ގޮތާއި ދެން އޭގައި ހުރި ބައެއް ކަންބޮޑުވުންތައް. މިކަމާއި އެކަމާއި އެއްވެސް ގުޅުމެއް ނެތް. މި އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ދެ ޤައުމުގެ ވެސް ތަޖުރިބާ ހިއްސާކުރުމާއި ފަންނީގޮތުން އެހީތެރިވުން." މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާއާއެކު އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން ވޯކްޝޮޕްތަކާއި ޕްރެސް ކޮންފަރެންސްތައް ބޭއްވުމާއި ދެ ޤައުމުގެ އިސް އޮފިޝަލުން ދެ ޤައުމަށް ޒިޔާރާތްކޮށް ކަމާއި ބެހޭ ތަމްރީނު ހޯދުން ހިމެނެއެވެ.