ޚަބަރު

ސިޓީ ސްކޮއަރ ތަރައްޤީ ކުރަން ގަސް ކަނޑަނީ އީޕީއޭގެ ހުއްދައާއެކު- އައްޑޫ ސިޓީ ކައުންސިލް


އައްޑޫ ސިޓީ ސްކޮއަރ ސަރައްހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ އީޕީއޭގެ ހުއްދައާއެކު ކަމަަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ އައްޑޫ ސިޓީ ސްކޮއާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާފައިވާތީ ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންދާތީއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވީ، ސިޓީ ސްކޮއާ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އީޕީއޭގެ ހުއްދައާއި އެކުގައި ކަމަށާ، މިޕްރޮޖެކްޓަކީ މިގޮތަށް ޕްލޭން ކުރެވި އިއުލާން ކުރެވިފަވާ މަޝްރޫއެއް ކަމަށެވެ. އަދި މިތަނަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބޭނުން ކުރެވޭނެހެން ތަރައްޤީ ކުރާ ތަނަކަށްވާއިރު، އެތަނުން ނަގަމުން ދަނީ އެފަދަ މާހައުލަކަށް އެކަށީގެންނުވާ ރުއްގަސް ކަމަށެވެ. އަދި މިމަސައްކަތް ނިންމާ ޕާކު ފެހިކޮށް އިތުރު ގަސްތައް އިންދުމަށް ހަަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ސްކޮއަރ އަލުން ހަދާ ކުލަގަދަ ރަސްމިއްޔާތަކާއެކު ކޯއްޓޭއަށް ޤައުމީ ދިދަ ނެގުމަކީ މި ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އަދި މިހާރު މިތަނުގައި ބަހައްޓާ ދިދަ ދަނޑި ކޮޅަށް ނަގާފައިވާއިރު، ސިޓީ ސްކޮއާ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.