ޚަބަރު

އަންނަ މަހުން ފެށިގެން ޓެކްސީ މީޓަރު ބޭނުންކުރަން ފަށަނީ


ޓެކްސީ މީޓަރު ބޭނުންކޮށްގެން ކުރާ ދަތުރުތަކަށް ނަގާ އަގުތައް ކަނޑައަޅައި އަންނަ މަހު އަމަލުކުރަން ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ޓެކްސީ މީޓަރަށް ނަގާ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިހާރުވެސް ބޭނުންކުރަމުން އަންނަ ގޮތަށް، ދަތުރަކަށް 25 ރުފިޔާއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީ މީޓަރު ބޭނުންކުރަން ފެށި ނަމަވެސް މާލެ ތެރޭގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މި ބަދަލު ފެންނާނީ ހަމަ އެކަނި ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކުން އެކަނި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، ޓެކްސީ މީޓަރުން ނަގާ އަގުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ، އެ މަސައްކަތް ނިންމައި އަގުތައް އަންނަ މަހު އިޢުލާން ކުރާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރިއިން ވަނީ މީޓަރު އެޕްލިކޭޝަންގައި ހުންނަންޖެހޭ ވަކި އުސޫލުތަކެއްވެސް ކަނޑައަޅާފައެވެ. އެގޮތުން ދަތުރުކުރާ ދުރުމިނާއި، އެ ދުރުމިނަށް ނަގާ އަގުތަކާއި، ޓެކްސީ ކުރި ވަގުތާއި، އާމްދަނީގެ ގޮތުގައި ލިބޭ ވަރުވެސް އެޕްލިކޭޝަނުން އެނގެން ހުންނަން ޖެހޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ފީޗަރތައް އަންނަ ހަފްތާގައި ރަސްމީކޮށް އިޢުލާން ކުރާނެކަމަށާއި، މީޓަރު ބޭނުންކުރަން ހުއްދަ ދެވޭނީ މި ކަންކަން ފުރިހަމަވެފައި ހުންނަ މީޓަރު އެޕްލިކޭޝަން ބޭނުންކުރާ ޓެކްސީތަކަށް ކަމަށެވެ.

މިހާރުވެސް ދިވެހިން ތައްޔާރުކޮށްފައިވާ ޓެކްސީ މީޓަރު އެޕްލިކޭޝަންތައް އެބަހުއްޓެވެ. ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ، ޓެކްސީ މީޓަރަށް ޚާއްޞަކޮށް މިނިސްޓްރީން ވަކި އެޕްލިކޭޝަނެއް އާންމު ނުކުރާނެ ކަމަށާ، ނަމަވެސް މިނިސްޓްރީން ކަނޑައަޅާ ކަންކަން ފުރިހަމަވާ އެޕްލިކޭޝަނެއް ހޯދުމަކީ ޓެކްސީތަކުން އަމިއްލައަށް ކުރަންޖެހޭ ކަމެއްކަމަށެވެ.

ސްޓޭތް މިނިސްޓަރ ވިދާޅުވި ޓެކްސީ މީޓަރު އެޕްލިކޭޝަންގެ ބައެއް ފީޗަރތަކަށް މިނިސްޓރްރީއަށްވެސް އެކްސެސް ވެވޭނެހެން ހުންނަން ޖެހޭނެ ކަމަށެވެ. މީގެ ބޭނުމަކީ ޓެކްސީ ދަތުރުތައްކުރާ ވަގުތާއި ދުވާލެއްގެ މައްޗަށް ޓެކްސީ ދަތުރުތަކަށް ހޭދަވާ ވަގުތާއި ލިބޭ އާމްދަނީފަދަ ތަފާސްހިސާބުތައް އެއްކުރުމަށް މިނިސްޓްރީއަށް ފަސޭހަ ކުރުންކަމަށްވެސް ސްޓޭޓް މިނިސްޓްރ ވިދާޅުވިއެވެ.

މާލޭގައި މިހާރުވެސް ޓެކްސީ ކުރުމަށް ރެޖިސްޓަރ ކޮށްފައިވާ 1100އަށްވުރެ ގިނަ ކާރު އެބަހުއްޓެވެ.

ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ މީޓަރު ހަރުކޮށްގެން ބޭނުންކުރަން ފެށުމުން ޓެކްސީތައް ވަރަށް ބޮޑަށް މޮނިޓަރ ކުރެވޭނެކަމަށާއި، އޭރުން، ބޭނުން ނުކޮށް ގިނަދުވަސްވާ ޓެކްސީތައްވެސް ދެނެގަނެވޭނެކަމަށެވެ.

ޓެކްސީތަކުން ނަގާ އަގުގެ މައްސަލަ ބޮޑުގެ މިކަން އާންމުންގެ ޝަކުވާއަކަށް ބަދަލުވީ ބްރިޖު ހުރަސްކޮށް ހުޅުލެއަށާއި ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ޓެކްސީ ޑްރައިވަރުން ސަތޭކަ ރުފިޔާއަށްވުރެ ބޮޑުކޮށް އަގު ނަގަން ފެށުމުންނެވެ. މިކަން ހައްލުކުރުމަށް އާންމުންނާއި ޓެކްސީ ޑްރައިވަރުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ފޯރަމެއްވެސް ބާއްވާފައިވެއެވެ. އަދި ޓެކްސީ މީޓަރު ބޭނުންކުރަން މިނިސްޓްރީން ނިންމީ މި ފޯރަމުން ލިބުނު މަޢުލޫމާތައް ބަލައި މިކަމަށް އެކަށީގެންވާ ހައްލެއް ގެނެވޭނެކަމަށް ފެންނަ ގޮތަކީ އެއީކަމަށް ބެލެވޭތީއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން އިޢުލާންކުރީ ހުޅުމާލެއަށް ކުރާ ދަތުރަކަށް ނެގޭނީ 40 ރުފިޔާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ޑްރައިވަރުންވަނީ ހަޅުތާލުވެސް ކޮށްފައެވެ. އަދި މިހާރުވެސް ގިނަ ޓެކްސީތަކުން ދަތުރުކުރަނީ 100 ރުފިޔާއަށެވެ.