ޚަބަރު

ހަނިމާދޫގެ ރައްޔިތުން ފެނަށް ޖެހިއްޖެ - ރަށުކައުންސިލް


ހދ.ހަނިމާދޫއިން ބޯފެން ހުސްވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސަލާމް ޢަލީ ވިދާޅުވޫ ހޫނު ގަދަވުމުގެ ސަބަބުން ހަނިމާދޫއިން ސާފު ބޯފެން ހުސްވެފައިވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ހަނިމާދޫގައި ފެން ރައްކާކުރަން ފަސް ހާސް ލިޓަރުގެ ތިރީހަށްވުރެ ގިނަ ކަޅުހަން ބޭނުންކުރާކަމަށާއި ހޫނު މޫސުގެ ސަބަބުން ސާފު ބޯފެން ހުސްވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވަކަމަށް ޢަބްދުއްސަލާމް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، ސާފު ބޯފެން ހުސްވުމުން އެހެން އަހަރުތަކުގައި ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީގައި ދަންނަވައިގެން ސަޕްލައި ދޯނިތަކުގައި ފެން ގެންނަނީ ކަމަށާއި، ނަމަވެސް ރަށުގައި ޤާއިމުކުރި ފެން ޕްލާންޓްގެ މަސައްކަތްތައް ނިމިފައިވާތީ މިފަހަރު ކަނޑައަޅާފައި އޮތީ ފެން ޕްލާންޓުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަމަށެވެ.
އެހެންނަމަވެސް ފެން ޕްލާންޓުން ރައްޔިތުންނަށް ފެން ފޯރުކޮށްނުދެވި ވަނީ އެ ޕްލާންޓުގެ ލެބޯޓަރީގައި ފެން ޓެސްޓް ކުރެވޭނެ ނިޒާމު ނެތިގެންކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން ހައްލުކޮށް ފެން ފޯރުކޮށްދިނުމަށް އެދި ޕްލޭނިންގ މިނިސްޓްރީގައި ދެންނެވިތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް ޢަބްދުއްސަލާމް ވިދާޅުވިއެވެ.

މިކަމާގުޅޭގޮތުން ފެނަކައިން ވިދާޅުވީ، ފެން ޕްލާންޓުން ފެން ދޫނުކުރެވި ލަސްވަނީ ފެނުގެ ރައްކާތެރކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ބައެއްކަންކަން ފުރިހަމަ ނުވެހުރުމުންކަމަށެވެ. އަދި މިކަމަށް ކުރަންޖެހޭ މަސައްކަތްތަށް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ޙައްލުކޮށް ފެންދޫކުރެވޭނެ ވަކިދުވަހެއް އަދި ދަންނަވަން ނޭގޭކަމަށް ފެނަކައިން ވިދާޅުވޭ.

މިދުވަސްވަރު ފެނުގެ ދަތިކަން ފޯރާ ރަށްރަށުން ރިކުއެސްޓް ކުރުމުން 14 ދުވަހުގެ ތެރޭގައި ފެންފޯރުކޮއްދިނުމަށް މަސައްކަތް ކުރައްވަމުންގެދަވާކަމަށާއި މިފަދަ ރިކުއެސްޓް އެއް އަދި މިހާތަނަށް ހަނިމާދޫ ކައުންސިލުން ކުރައްވާފައި ނުވާ ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއްވައެވެ.
ހަނިމާދޫގައި ޤާއިމުކުރި ފެން ޕްލާންޓުގެ މަސައްކަތް ނިމި، ގޭގެއަށް އިސްކުރު ގުޅާވެސް ވަނީ ނިމިފައެވެ. މިމަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ހަނިމާދޫ ބޯފެނަށް ޖެހިފައިވާތާ ދެމަހެއްހައި ދުވަސްވީއިރު ފެން ޕްލާންޓުގައި ފެން ހުއްޓެވެ.

ހަނިމާދޫގައި ފެން ޕްލާންޓު ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 46.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއްގެ އިތުރުން ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓެއް ވަނީ ބަހައްޓާފައެވެ.