ސިއްހަތު

ސެނެހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދަނީ


"ސެނެހިޔާ" ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިންޑިއާއިން ފޯރުކޮށްދެވޭނެ އެހީތަކާގުޅޭގޮތުން ދެޤައުމުގެ ދިފާއީ ބާރުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭ މަޝްވަރާތަކަށް އިންޑިއަން އަރމްޑް ފޯސަސްގެ ވަފްދެއް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

ސެނެހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ގެންނަންޖެހޭ ބަދަލުތަކާއި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ލަފާދީ، މި ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިންޑިއާއިން ވަޑައިގެން ވަފްދުގައި އިސްކޮށް ހުންނެވީ އިންޑިއަން އަރމްޑް ފޯރސެސް މެޑިކަލް ސަރވިސް، މޭޖަރ ޖެނެރަލް ޑރ.ޕްރަޝާންތް ބަރަދްވާޖްއެވެ.

މި ވަފްދުން ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ސެނެހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރާއިރު، އިތުރުކުރަންޖެހޭ ޚިދުމަތްތަކާއި، ބޭނުންވާނެ ވަސީލަތްތަކާއި، އަދި މީހުން ތަމްރީން ކުރުމަށް ބޭނުންވާ އިތުރު ދާއިރާތަކާއި ގުޅޭ މަޢުލޫމާތުވަނީ ޙިއްސާކުރައްވާފައެވެ. އަދި މި މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މިނިސްޓަރވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއަން އަރމްޑް ފޯސެސްގެ ވަފުދުންވަނީ ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްﷲ ޝަމާލް އާވެސް ބައްދަލުކުރައްވައި، ސެނެހިޔާ އިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމްއެންޑީއެފުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، ކަންކަން ރާވާ ހިންގުމުގައި އިންޑިއާގެ ލަފާވަނީ ހޯއްދަވާފައެވެ. މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއާއިން ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް، މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެެވެ.

އިންޑިއާއިން ތަމްރީނުވި ޑޮކްޓަރުން މިހާރުވެސް ސެނެހިޔާގައި މަސައްކަތް ކުރަމުންދެއެވެ.

ހަމައެކަނި ސިފައިންގެ އާއިލާތަކަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވި ސެނެހިޔާ ހޮސްޕިޓަލަށް 6 އަހަރު ވެފައިވާއިރު، އެ ހޮސްޕިޓަލުން މިހާރު އަންނަނީ އާއްމުންނަށްވެސް ޚިދުމަތް ފޯރުކޮށްދެމުންނެވެ. ކްލިނިކެއްގެ ގޮތުގައި ޚިދުމަތް ދެމުންއައި ނަމަވެސް ސެނެހިޔާ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަަކަަން އެމްއެންޑީއެފުން ވަނީ އިޢުލާން ކުރައްވާފައެވެ.

އެގޮތުން އެކި ދާއިރާތަކުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތާއި، އިތުރު ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖައްސައި، ބޮޑެތި ބަދަދަލުތަކާއެކު ސެނެހިޔާ ވަރަށް އަވަހަށް ހޮސްޕިޓަލަކަށް ބަަލުކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އަދި ސީޓީ ސްކޭނާއި، އެމްއާރްއައިފަދަ ޚިދުމަތްތައްވެސް ސެނެހިޔާގައި ތައާރަފްކުރާނެކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.

މީގެ އިތުރުން ސެނެހިޔާއިން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ ގޮތް ހެދުމަށް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ސެނެހިޔާއިން ދަނީ ކުރަމުންނެވެ.

2012ވަނަ އަހަރު ހުޅުވި ސެނެހިޔާ ހޮސްޕިޓަލުން އާއްމު ބަލިތަކުގެ ފަރުވާއާއި، ބައެއް ޝްޕެޝަލިސްޓް ޚިދުމަތްތަކާއި، ލެބޯޓްރީ ޓެސްޓްތަކާއި، ރޭޑިއޮލޮޖީއާއި ގުޅުންހުރި ބައެއް ޓެސްޓްތައްވެސް ހެދެއެވެ.

ވޭތުވެ ދިޔަ 25 އަހަރު ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އިންޑިއާއިން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖޭގައި އެންމެ ގިނަ ޚިދުމަތްތަކާއެކު ހިންގަމުން އަންނަ އިންދިރާ ގަނދީ މެމޯރިއަލް ހޮސްޕިޓަލަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހޮސްޕިޓަލެކެވެ. އަދި އެ ޤައުމުން މިހާތަނަށްވެސް އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.