ޚަބަރު

އަދި މާޔޫސްވެ ގޮތް ހުސްވާކަށް ނުވޭ - ބާސެލޯނާގެ ކޯޗް


ޗެމްޕިއަންސް ލީގްގައި ވި ހިތްދަތި ބަލި ހިތުން ނުފިލި ނަމަވެސް އަދިވެސް މި ސީޒަންގައި ދެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތްކަމަށް ކޯޗް އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ލަލީގާގައި ގެޓާފޭއާ ވާދަކުރާ މެޗްގެ ކުރިން ކޯޗް ބުނީ، އަންގާރަ ދުވަހު ކުޅުނު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ވި ބަލީގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާކަމަށާއި، ކުޅުންތެރިން އަދިވެސް ތިބީ މާޔޫސްވެފައި ކަމަށެވެ.
ކޯޗް ބުނީ ބަލިވުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި މައްސަލައަކީ ބަލިވި ގޮތްކަމަށެވެ. ސެމީގެ ފުރަތަމަ ލެގުން ތިން ގޯލްގެ ލީޑެއް ލިބިފައި އޮއްވާ ދެވަނަ ލެގްގައި ލިވަޕޫލުން ބާސެލޯނާ ކަޓުވާލީ އެ ޓީމް ކޮޅަށް ހަތަރު ގޯލް ޖަހައިގެންނެވެ.

ކޮޕަ ޑެލްރޭ ފައިނަލަށް އިޝާރާތްކޮށް ވަލްވާޑޭ ބުނީ، އަދި ގޮތް ހުސްވާން ނުވާކަމަށާއި ކާމިޔާބު ކުރެވޭނެ މުބާރާތްތައް އަދި އެބަހުރި ކަމަށެވެ. ސީޒަން ފެށި އިރު އަމާޒަކީ ތިން ތަށި ހޯދުން ނަމަވެސް އަދިވެސް ދެ ތަށި ހޯދުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތްކަން ކޯޗް ފާހަގަކުރިއެވެ.

މި ސީޒަންގައި ބާސެލޯނާއަށް ލިބިފައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްޕެއިންގެ ޗެމްޕިއަންކަން އެ ޓީމަށް ކަށަވަރުވެފައިވުމެވެ. އެއާއެކު މި ސީޒަންގެ ލަލީގާ ވެގެން ގޮސްފައިވަނީ ވޭތުވެދިޔަ ފަސް ސީޒަންގެ ތެރޭގައި ބާސެލޯނާއިން ކާމިޔާބުކުރާ ހަތަރުވަނަ ލަލީގާއަށެވެ.

މޭ 25 ވަނަ ދުވަހު ފައިނަލްގައި ވެލެންސިއާ ބަލިކޮށް ކޮޕަޑެލްރޭގެ ޗެމްޕިއަނުންނަށް ވުމުގެ ފުރުސަތުވެސް ބާސެލޯނާއަށް އެބައޮތެވެ.