ޓުއަރިޒަމް

ރިސޯޓުތައް 99 އަހަރަށް ކުއްޔަށް ދިނުމަށް ކޮމިޓީން ފާސްކޮށްފި


ރިސޯޓް ހިންގުމަށް ދޫކުރާ ރަށްތަކުގެ މުއްދަތު ނުވަދިހަ ނުވަ އަހަރަށް ދޫކުރުމަށާއި، އެރަށްރަށުގެ ތިމާވެއްޓާ ގުޅޭ ކަންކަން ބެލެހެއްޓުން ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.ޓޫރިޒަމް ގެ ޤާނޫނަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އިސްމާއިލް ހުށައަޅުއްވާފައިވާ އެއިސްލާހު ކޮމިޓީން ފާސްވީ، ވޯޓްގައި ބައިވެރިވި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ވޯޓުންނެވެ.އެއިސްލާހުގައި ވާގޮތުން ފަންސާސް އަހަރަށް މިހާރު  ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ރަށްތަކުގެ މުއްދަތު، އެރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތައް ބޭނުން ވެއްޖެނަމަ ގިނަވެގެން ސާޅީށް ނުވަ އަހަރު އިތުރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު ނެގުމަށްވެސް ބިލްގައި ހިމަނާފައިވެއެވެ.މީގެއިތުރުން އެއިސްލާހުގައި ބުނެފައިވަނީ، ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށެއްގެ ތިމާވެއްޓަށް ބަދަލެއް އަންނަ ފަދަ މަސައްކަތެއް ކުރާނަމަ، އީއައިއޭ ރިޕޯޓް ހެދުމާއި އެފަދަ ހުއްދަތައް ދިނުމުގެ ބާރު ލިބިގެންވާނީ ޓޫރިޒަމް މިނިސްޓްރީއަށްކަމަށެވެ.މިހާރު އީއައިއޭ ހަދަމުން އަންނަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިންނެވެ. މިއިސްލާހަށް ތާއީދުކޮށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވާހަކަދެއްކިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ، ރިސޯޓް ހިންގުމަށް ނުވަދިހަ ނުވައަހަރަށް ދޫކުރުމަށް ތާއީދުކުރި ނަމަވެސް އެއްފަހަރާ ފައިސާ ދެއްކުމަށް ހިމަނާފައިވާ އިސްލާހަށް އޭނާ ތާއީދު ނުކުރާކަމަށެވެ.