ދީބާޖާ ކުންފުންނިން ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވިކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތު އޭނާ ދޮގު ކުރައްވައިފިއެވެ.
މިތުހުމަތުތައް ދޮގުކުރައްވައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނާޖާއިޒު ގޮތުގައި މުއްސަނދިވާން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ކޮރަޕްޓް ޑީލަކުން ފައިދާ ހޯދާފައި ވެސް ނުވާނެ ކަމަށް ރިއްފަތު ވިދާޅުވެފައިވެއެވެ.
އަދި އަމިއްލަފުޅަށް ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ހުއްޓާލެއްވީވެސް ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި، އޭނާ މަސައްކަތް ކުރައްވާނީ ދައުލަތުގެ ފައިސާ ކޮރަޕްޝަނުން ރައްކާތެރި ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ނާޖައިޒު ގޮތުގައި މުއްސަނދިވާން މަސައްކަތް ކޮށްފައެއް ނުވާނެ. ކޮރަޕްޓް ޑީލަކުން ފައިދާ ހޯދާފައި ވެސް ނުވާނެ. ޤާނޫނީ ވަކީލުކަން ކުރުން ހުއްޓާލީވެސް ރައްޔިތުންނަށް ޚިދުމަތް ކުރަން. އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް." ރިއްފަތު ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސަށް ފެރީގެ ޚިދުމަތް ދިނުމަށް 2010ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން ދިބާޖާ ކުންފުންޏާއެކު ހެދި އެއްބަސްވުން 2013ވަނަ އަހަރު ޑރ.ވަހީދުގެ ސަރުކާރުން ވަނީ ބާޠިލްކޮށްފައެވެ. އަދި ދައުލަތުން ވަނީ އެ އެއްބަސްވުން ބާތިލް ކުރީ ދިބާޖާއިން އެއްބަސްވުމާއި ޚިލާފުވެފައިވާތީ ކަމަށް ވިދާޅުވެފައެވެ.
ދައުލަތުން މިއެއްބަސްވުން އުވާލުމުގެ ބަދަލުހޯދުމަށް ދީބާޖާ ކުންފުނިން ހުށަހެޅި މައްސަލާގައި 2014ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ދިބާޖާއަށް ތިންސަތޭކަ ސާޅީސް އަށެއް ޕޮއިންޓު ދިހައެއް މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. އަދި އެހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާޠިލްކޮށްފައެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާޠިލްކޮށް ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައިނުވާ މައްސަލައެއްގެ ގޮތުގައި ނިންމައި ސިވިލް ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ނިންމާފައެވެ.