ޚަބަރު

މީރާއިން ފިޔަވަޅެއް އެޅިކަން އަދި ނާންގާ- ވިލާ


ވިލާގެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރު ދައްކަން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" (މީރާ)އިން ދިން މުއްދަތު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައިވާއިރު، ވިލާ ގްރޫޕާއި މެދު މިހާތަނަށް ވަކިފިޔަވަޅެއް އެޅިކަން އަދި އަންގާފައިނުވާކަމަށް ވިލާ ކުންފުނިން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ ކޮމްޕެނީ ސެކެޓްރީ އިބްރާހީމް ރަޝީދު ވިދާޅުވީ،ފިޔަވަޅު އަޅާކަމަށްވާނަމަ އެކަން އަންގާނެކަމަށް އެކުންފުނިން ލަފާކުރާކަމަށެވެ. އިއްޔެ އޭނާ ވިދާޅުވީ މީރާއިން ދިން ނޯޓިސްގެ މުއްދަތު ހަމަވެފައިވާއިރު އެކުންފުންޏަށްވެސް ދެން ކުރެވޭނެ ކަމެއް ނެތުމުން ތިބީކަމަށެވެ.އެކުންފުނިން މީރާއަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނޯންނާނެކަމަށް ވިލާގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމް ގެންދަވަނީ ވިދާޅުވަމުންނެވެ. މީރާއިން ފޮނުވާފައިވާ ނޯޓިސްއާއި އެއްގޮތަށް ކުލި ދައްކަންޖެހޭ ފަރާތްތަކުން އެމުއްދަތުގައި ކުލި ނުދައްކައިފިނަމަ އެފަރާތެއްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް އެންގުމުގެ މީރާއަށް ލިބިގެންވާއިރު މީރާގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވެފައިވަނީ ޓެކްސް ނުދައްކާ ފަރާތްކާއި މެދު ފިޔަވަޅު އަޅާ އުސޫލުން ފިޔަވަޅު އަޅާނެކަމަށެވެ.ވިލާގްރޫޕްގެ ނޯޓިސްއާއިބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ މީރާއަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ވަކިވަކި މައުލޫމާތު އަދި ވަކިވަކި ފަރާތްތައް މީޑިއާއަށް ހާމަނުކުރާކަމަށެވެ.މީރާއިންވަނީ 30 ދުވަހުގެ ތެރޭގައި ވިލާގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރު ދައްކާ ޚަލާސް ކުރަން އަންގާފައެވެ.