ޚަބަރު

ކުއްލި ޙާލަތްތަކުގައި އެހީވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ރޫމޭނިއާ ސަރުކާރާ މަޝްވަރާކުރައްވައިފި


ރާއްޖެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރޫމޭނިއާގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަށް ކުރައްވާފައިވަނީ، މިނިސްޓަރ ޝާހިދު މިހާރު ރޫމޭނިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރުމޭނިއާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއަރޒްގެ ސެކެރަޓަރީ އޮފް ސްޓޭޓް – ހެޑް އޮފް އިމަރޖަންސީ ސިޓުއޭޝަންސް ރާއިދު އަރަފާތުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ޑިޒާސްޓަރ މެނޭޖްމަންޓާއި، ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ރާއްޖެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރޫމޭނިއާއަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރާއިދު އަރަފާތުވަނީ މިދާއިރާތަކުން ޤާބިލްކަން އިތުރުކުރުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރުމޭނިއާ ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.