ޚަބަރު

ހުޅުމާލޭގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި 3 މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ


ހުޅުމާލޭގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި އެއް ސައިކަލް ދުއްވި 17 އަހަރުގެ ކުއްޖަކަށާއި އެ ސައިކަލްގެ ފަހަތުގައި އިން 14 އަހަރުގެ ކުއްޖަކަށެވެ. މި އެކްސިޑެންޓުވި އަނެއް ސައިކަލް ދުއްވަން އިން ބިދޭސީ މީހާއަށްވެސް އަނިޔާވެފައިވެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު 3:03 ހާއިރު ހުޅުމާލޭ ނިރޮޅު މަގު ވެލިގާ ހާރޑްވެއާރ ކައިރިން، ދެކުނުން އުތުރަށް ދުއްވާފައިދިޔަ ޕިއްޒާ ބޯނާގެ ޑެލިވަރީ ސައިކަލްގެ ފަހަތުން، ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި 14 އަހަރުގެ ކުއްޖާގެ ކަނާތު ކަށި އިނގިލީގެ ހުޅު މަތިންނާއި ވާއަތުގެ އުޅަބޮށި ކައިރިން މަށައިގެން ގޮސްފައިވާކަަމަށް ފުލުހުން މަޢުލޫމާތުދޭ އެވެ. އަދި 17 އަހަރުގެ ކުއްޖާގެ ވާއަތު އުޅަބޮށްޓާއި، ކަނާތު ކުޑަހުޅު މަތިންނާއި މޫނުގެ ދެތަނެއް މަށައިގެން ގޮސްފައިވާއިރު، މި ކުއްޖާއަށް ފަރުވާދިނުމަށްފަހު ހުޅުމާލެ ހޮސްޕިޓަލްގެ އޮބްސަރވޭޝަންގައި ހަތަރު ގަޑިއިރަށް ބާއްވާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން ބިދޭސީ މީހާގެ ވާތު އުޅަބޮށްޓާއި ވާއަތު ފައިގެ ކަކުލާއި ކުޑަ ހުޅު ކައިރިން މަށައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދޭއެވެ.

މީގެ އިތުރުން ކުޑަ ދެކުދިން ދުއްވި ސައިކަލަށް އެކިވަރުގެ ގެއްލުންތަށް ލިބިފައިވާއިރު ބިދޭސީ މީހާ ދުއްވި ސައިކަލަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއެވެ.