ޚަބަރު

ޕާޓްނަޝިޕް ފޯރަމްގެ މަޢުލޫމާތު ސްރީލަންކާގައި ޙަރަކާތްރެވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ހިއްސާކޮށްފި


އަންނަ ޖޫން މަހު ބާއްވާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ މަޢުލޫމާތު ސްރީލަންކާގައި ޙަރަކާތްރެިވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ހިއްސާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ސްރީލަންކާގައި ބޭއްވެވި މި ބައްދަލުވުމުގައި ސްރީލަންކާގައި ޙަރަކާތްތެރިވާ އެކި އޭޖެންސީ ތަކާއި ޖަމްޢިއްޔާތަކުގެ މެމްބަރުންނާއި އެކި ޤައުމުތަކުގެ އެމްބެސެޑަރުންވެސް ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމާގުޅޭ މަޢުލޫމާތު ދިނުމަށް ކޮލޮމްބޯއަށް މިހާރު ޒިޔާރަތްކުރަމުންދާ ފޮރިން މިނިސްޓްރީގެ ވަފުދުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ.ޢާސިމް އަޙްމަދެވެ. ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގުގެ އިތުރުން ދިވެހި އެމްބަސީގެ މުއައްޒަފުންވަނީ ބައިވެރިވެފައެވެ.

އަންނަ ޖޫން މަހުގެ 17އިން 18އަށް ކުރިއަށްގެންދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްއަކީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އެހެން ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކާއިއެކު އެއް ފުރާޅެއްގެ ދަށުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ ފުރަތަމަ ފޯރަމެވެ. އެގޮތުން މި ފޯރަމްގެ ތެރެއިން ރައީސުލްޖުމްހީރިއްޔާ އިންރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ތަރައްޤީގެ ވިސްނުން ހުރިގޮތާއި، މިޕްލޭންގައި ފޯރަމްގެ ބައިވެރިންގެ ދައުރުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްތަށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި، މިފޯރަމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަށް ކަމަށްވާ ސިއްޙީ، ތަޢުލީމީ، ތިމާވެށި އަދި ގުޑްގަވަނެންސްގެ ދާއިރާއިން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.މީގެ އިތުރުން މި ސަރުކާރުގެ ފުރތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރިހަމަ ނުވެހުރި ކަންކަން ފުރިހަމަ ކުރުމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރާނެކަމަށްވެސް އެ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

މި ފޯރަމްގެ މަޢުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީގެ ވަފުދެއް ލަންކާއަށް ގޮސްފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު މިވަފުދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.