ޚަބަރު

ތަޢުލީމާއި ސައިންސާއި ސަޤާފަތުގެ ދާއިރާ ކުރިއެރުވުމަށް އިސެސްކޯގެ އެހީތެރިކަން ބޭނުން- އެޑިއުކޭޝަން މިނިސްޓަރ


އިސްލާމީ ތަޢުލީމާއި ސައިންސާއި ސަޤާފަތުގެ ދާއިރާ ކުރިއަރުގައި ތަރައްޤީކުރުމަށް އިސެސްކޯގެ އެހީތެރިކަން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ވިދާލުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މައްކާގައި ކުރިއަށްދިޔަ އިސްލާމިކް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗްރަލް އޯގަނައިޒޭޝަން (އިސެސްކޯގެ) ޖެނެރަލް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ އިސްލާމީ ތަޢުލީމާއި ސައިންސާއި ސަޤާފަތުގެ ދާއިރާ ތަރައްޤީ ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއްކަމަށާ، މި ދާއިރާތައް ތަރައްޤީކުރުމަށް އިސެސްކޯގެ މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ދިވެހި ސަރުކާރަށް ބޭނުންވާ ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިސެސްކޯއިން އިސްކަންދޭ ދާއިރާތައް ކަމަށްވާ ސަޤާފަތާއި ސައިންސާއި ޓެކްނޮލޮޖީ ކުރިއެރުވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ މި ދެ ދާއިރާ ކުރިއެރުވުމަށްޓަކައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އުފައްދަވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ސަޤާފީ ތަރިކަ ހިމާޔަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާ މިފަދަ އާސާރުތައް ހިމާޔަތްކުރުމަށްޓަކައި ޓްރަސްޓް ފަންޑެއް ޤާއިމްކުރެވިފައިވާއިރު ކުރިއަށްއޮތްތަނުގައި ޤާނޫނާއި ޤަވާއިދުތައްހެދިގެންދާނެކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކޮށް ތަޢުލީމާއި ސިއްޙީ ނިޒާމުގައިވެސް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިސެސްކޯއިން ރާއްޖޭގެ ތަޢުލީމާއި ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަށް ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއިން އިސެސްކޯގެ މެންބަރަކަށް ވެފައިވަނީ ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރުއެވެ. އިސެސްކޯއަކީ 1972ވަނަ އަހަރު އުފެއްދު ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި 54 ޤައުމެއް ހަރަކާތްތެރިވެއެވެ.