ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުން ދަނީ އިސްކަމެއްދީގެން މަސައްކަތް ކުރަމުން - ރައީސް


މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ޙިތާބުގައި ރައީސް ސާލިހް ވިދާޅުވީ އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތުއިރުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންތަކެއްކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށެވެ.

ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ފޮނުވާ ދެއްވި ޙިތާބުގައި ރައީސް ވިދާޅުވީ މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅުކަމަށެވެ. އަދި ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން ހުރިކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ޚިޠާބުގައި ތުއްތު ކުދީންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޞިއްޙަތަށް ގެއްލުންހުރި ތަކެއްޗާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށް، ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އުފުލުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އިސްލާމީ ތަރުބިއްޔަތު ދަރިންގެ ކިބައިގައި އަށަގަންނުވައިގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާ ނުކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.