ޚަބަރު

ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި


މި އަހަރުގެ ދެވަނަ ޓާރމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި، އެކަން ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ސަތޭކަ އަށްޑިހައަށް ސްކޫލަކަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމަށެވެ. ބީލަމަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާހަމައަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ނާސްތާ ތައްޔާރުކޮށްދޭން ބޭނުންވާ ސްކޫލެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު ނުވަގަޑި ބައިން މެންދުރު ބާރަގަޑި ބަޔަށް ނަން ނޯޓު ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ސްކޫލްތަކަށް ނާސްތާ ތައްޔާރުކޮށްދިނުމާއި ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި މިމަހުގެ 19 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށް ފަހު މިމަހުގެ 23 ދުވަހު ބީލަން ހުށައެޅުމަށް ހުޅުވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސްހާސް ރުފިޔާއެވެ. ވަކި ސްކޫލަކަށް ނާސްތާ ތައްޔާރުކޮށްދޭން ބޭނުންނަމަ ބިޑް ހުށަހަޅަން ޖެހޭނީ އެސްކޫލަކަށެވެ. ބިޑް ކޮމިޓީއަށް އެލިޔުންތައް ފޮނުވާނީ އެސްކޫލަކުންނެވެ. އެގޮތުން ނާސްތާ ދޭނެ ފަރާތެއް ހޮވުމުގައި، ސާފުތާހިރު ބަދިގެއެއް ހުރުމަކީ މަޖުބޫރު ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ނާސްތާ ޕްރޮގްރާމް މިހާރު ކުރިއަށްގެންދާ 25 ސްކޫލްގެ ތެރެއިން 24 ސްކޫލްގެ އެއްބަސްވުން އޮންނާނެކަމަށެވެ. އަދި މި ބުރުގައި ވިލިމާލެ މުޙިއްޔިއްދީން ސްކޫލްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ފެށުމުން ދަރިވަރުންގެ ހާޒިރީ ރަގަޅުވެ ތަރުޙީބު ލިބެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ރާއްޖޭގައި 25 ސްކޫލެއްގައި ދަނީ ހިންގަމުންނެވެ. ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުނިސެފްގެ އެހީއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއްވެސް ތައްޔާރުކޮށްފައެވެ. އަދި ދެވަނަ ޓާރމްގައި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި މިޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ނިންމާފައިވާއިރު އިތުރު މެނޫތަކެއްވެސް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކެޝަން މިނިސްތްރީން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ފެށި މި ޕްރޮގްރާމް ފުރަތަމަ ހިންގަން ފެށީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލްގައެވެ.