ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ތުރުކީ އަތުން 2-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިވެއްޖެއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި އެމެރިކާ މުބާރާތަށް ކޮލިފައިވެފައިވާއިރު, ވޯލްޑްކަޕްގައި ރަގަޅު ނަތީޖާތަކެއް ހޯދުމަށް ދުރާލާ އެމެރިކާ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަމިއްލަ ގައުމުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި އެމެރިކާގެ ޖެކް މެކްގްލީން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނިޓުގައި ތުރުކީގެ އާދާ ގުލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ކެރެމް އަކްތުރްކޮގްލޫ ވަނީ އިތުރު ލަނޑެއް ޖަހާ ތުރުކީ އަށް ކުރި ހޯދަދީފަ އެވެ. މި ދެ ލަނޑަކީ ވެސް އެމެރިކާގެ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ތުރުކީ އިން ޖަހާފައިވާ ދެ ލަނޑެވެ.
ކޮންކާކަފް ނޭޝަންސް ލީގުގައި ކެނެޑާ އަތުން އެމެރިކާ ބަލިވި މެޗަށްފަހު ކުޅުނު މި މެޗުގައި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ނަމަވެސް މި މެޗުގައިވެސް ވަނީ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.
މި މެޗުން އެމެރިކާ ބަލިވެފައިވާއިރު, ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި ނޭޝަންސް ލީގުގައި ކެނެޑާ އާއި ޕެނަމާ އަތުން މީގެ ކުރިންވަނީ ބަލިވެފަ އެވެ.
އެކުވެރިކަމުގެ މެޗެއްގައި އަންނަ އަންގާރަ ދުވަހު ސްވިޒަލޭންޑާއި ދެކޮޅަށް އެމެރިކާ ކުޅުމަށްފަހު ދެން ވާދަ ކުރާނީ ޖޫން މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކޮންކާކަފް ގޯލްޑްކަޕްގައި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާއި ދެކޮޅަށެވެ.