ވިޔަފާރި

ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޓޫރިޒަމް މިނިސްޓަރ ލ.އަތޮޅަށް


މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށް ޓޫރިޒަމް މިނިސްޓަރ ލ.އަތޮޅަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ލ.އަތޮޅުގެ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި މިވިޔަފާރީގެ އެންމެހައި މަސްޢޫލުވެރިންނާ ޓޫރިޒަމް މިނިސްޓަރ ބައްދަލުކުރައްވާނެއެވެ. މިއީ ޓޫރިޒަމް މިނިސްޓަރ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ތިން ދުވަހުގެ މި މިދަތުރުފުޅުގައި ލ. ގަން، ލ. ފޮނަދޫ، ލ. ކައްދޫ އަދި ލ. ބަރެސްދުއަށް މިނިސްޓަރ ޒިޔާރަތް ކުރައްވާނެއެވެ.

މިދަތުރުފުޅުގެ މަޤުސަދަކީ ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޚިޔާލާއި ލަފާ ހޯދުމެވެ. މިގޮތުން، ލ. އަތޮޅު ކައުންސިލާއި، ލ. ގަމު ކައުންސިލާއި، ލ. ފޮނަދޫ ކައުންސިލްގެ އިތުރުން ދާއިރާގެ މަސްލަހަތުވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙަންމަދު މާޖިދުއާއި، ޓޫރިޒަމް މިނިސްޓްރީއާއި އެމް.އައި.ޓީ.ޑީ.ސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.