ޚަބަރު

ތޮއްޖެހުން ބޮޑު މަޖީދީމަގަށް ލުޔެއް


މަޖީދީ މަގަކީ މާލޭގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވާ މައި މަގެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެންމެ ބޮޑު މަގެވެ. އަބަދުވެސް ބާރުބޮޑުކޮށް ފެންނަ މަޖީދީ މަގަށް، ލުޔެއް ގެނައުމަށް މަގުގެ ޓްރެފިކަށް މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން މި ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ.

މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއްމަގަކީ މަޖީދީ މަގު އަބަދުވެސް ފެންނަނީ އެންމެ ބާރު ބޮޑު މަގުގެ ގޮތުގައެވެ. ދުވާލެއް ރޭގަނޑެއް މިކަމުގެ ތަފާތެއް ނޫނެވެ.

މަޖީދީ މަގާއި މާލޭގެ ބޮޑެތި މަގުތަކާއި ގުޅުވާލައިދޭ ސަރަޙައްދުތައް އަބަދުވެސް ފެންނަނީ ބާރުކޮޑުކޮށެވެ. އެގޮތުން މަޖީދީމަގައި މާވެޔޮ މަގު ގުޅުވާލާ ސަރަޙައްދާއި، މަޖީދީމަގާއި ޗާންދަނީ މަގާއި ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަން މަގު ގުޅާލާ ކަންމައްޗަކީ ހުރިހާ ވަގުތުތަކެއްގައިވެސް ބާރުބޮޑު ސަރަަޙައްދުތަކެވެ.

ޚާއްސަކޮށް އޮފީސްތަކާއި، ސްކޫލަށް ދާ ވަގުތު، ހެނދުނާއި ހަވީރުގެ ވަގުތުގައި މަގު ތޮއްޖެހި އެތައް ވަގުތެއްގައި ދުއްވާނުލެވި، އެއްތަނެއްގައި މަޑުކޮށްގެން ތިބެން ޖެހޭ ވަރު މަދެއްނޫނެވެ.

މި ރަމަޟާންމަހު ދުވާލުގެ ވަގުތުގައި އެއްތަނުން އަނެއްތަނަށް މުދާ އުފުލޭނީ ހެނދުނު 09:00އިން 15:00އަށެވެ. ސްކޫލްތަކާއި އޮފީސްތަކަށް މީހުން ދާ ވަގުތާއި، މުދާ އުފުލާ ވަގުތައް އެއް ވަގުތަކަށްވުމުން، އެއް ވަގުތެއްގައި މަގުމައްޗައް ޖަމާވާ ވެހިކަލްތައް އިތުރުވެއެވެ. މި ސަބަބާހުރެ ގިނަ ފިހާރަކެއް ހުންނަ މަޖީދީ މަގު އަބަދުވެސް ފެންނަނީ ވަރަށް ބާރުބޮޑު މަގެއްގެ ގޮތުގައެވެ.

މަޖީދީމަގުގެ ތޮއްޖެހުން ބޮޑެވެ ބާރު ބޮޑުވުމުގެ ސަބަބުން ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިވަނީ މަޖީދީމަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ. އޮފީސްތަކާއި، ސްކޫލްތައް އަދި މުދާ އުފުލާ ގަޑިތައް އެއް ވަގުތަކަށް ދިމާވާތީ ވަކި ވަގުތަކެއްގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މިވަނީ ވަންވޭއަށް ބަދަލުކޮށްފައެވެ. މިގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 ފެށިގެން މެންދުރު 14:00 މަޖީދީމަގުގައި ހަތަރު ފުރޮޅޫލީ އުޅަނދުތައް ދުއްވޭނީ ހުޅަނގުން އިރަށެވެ. މި ބަދަލާއި އެކު ސައިކަލް ނުވަތަ ދެ ފުރޮޅުލީ އުޅަނދުތައް މިހާރެކޭ އެއްގޮތަށް ދެކޮޅަށް ދުއްވޭނެއެވެ.

މި ބަދަލާއި އެކު މިއަދު ހެނދުނު މަޖީދީމަގު ފެންނުނީ ތަފާތުކޮށެވެ. އެހެން ދުވަސްތަކަށްވުރެ ދުއްވާލަން ފަސޭހައެވެ.

މާލޭގެ އެންމެ ބާރުބޮޑުވާ ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް މި ރަމަޟާންމަހުވެސް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މެންދުރު 12.30އިން ފެށިގެން އިރުއޮއްސި 06.30އާއި ހަަމައަށް މާރުކޭޓް ސަރަޙައްދައް އާއްމު ދަތުރުތަކަށް 4 ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭގޮތްވަނީ ހަދާފައެވެ.

މީގެއިތުރުން އައިޖީއެމްއެޗްއަށް ދާން އޮންނަ މުރަނގަމަގު، ހަވީރުގެ ވަގުތުތަކުގައި ހުޅަނގުން އިރަށް ދުއްވޭގޮތަށް ބަދަލު ގެނައުން ހިމެނެއެވެ. ފުލުުހުން ބުނެފައިވަނީ ޓްރެފިކަށް ބަލާ މަގުތަކުގައި ބާރުބޮޑުވާނަމަ އިތުރު މަގުތައްވެސް 4 ފުރޮޅުލީ އުޅަނދުތަކަށް ވަކި ވަގުތުތަކެއްގައި ނުވަދެވޭގޮތަށް ބަދަލުގެންނާނެކަމަށެވެ.