ޚަބަރު

ފަނޑިޔާރުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ގޮވާލައިފި


ކުރިމިނަލްކޯޓްގެ ފަނޑިޔާރުންނަށް ހާއްސަ އިނާޔަތާއި ރައްކާތެރިކަން
ފޯރުކޮށްދިނުމަށް ކަމާއި ބެހޭ އިދާރާތަކަށް އެކޯޓްގެ އިސްގާޒީ އަބްދުﷲ
މުހައްމަދު  ގޮވާލައްވައިފިއެވެ.



އިސްގާޒީ އަބްދުﷲ މުހައްމަދު މިހެން ގޮވާލައްވާފައިވަނީ
އެކޯޓްގެ އަހަރީދުވަސް ފާހާގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ނަސަންދުރާ ޕެލެސް ހޮޓެލްގައި ބޭއްވި ހާއްސަ
ހަފްލާގައި ވާހަކަދައްކަވަމުންނެވެ.



އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެންމެ ރައްކާތެރިކަން
ލިބެންޖެހޭ ބަޔަކީ ކުރިމިނަލްކޯޓްގެ ފަނޑިޔާރުންކަން ޖުޑިޝަރީގެ ކަންކަން
ހިންގެވުމާއި ހަވާލްވެ ތިއްބެވި ފަރާތްތަކާއި ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން
ގަބޫލްކުރައްވަން ޖެހިވަޑާއިގަންނަވާކަމަށެވެ. މިގޮތުން ކުރިމިނަލްކޯޓްގެ
ގާޒީންނާއި މުވައްޒަފުން ފިޔަވާ މެންދަމުގެ ވަގުތުގައި ގައުމީ ހިދްމަތުގައި
މަސައްކަތް ކުރާ ބަޔަކު ނުތިބޭނެކަމަށްވެސް އިސްގާޒީ ވިދާޅުވިއެވެ. މިގޮތުން މުޅި
ޖުޑިޝަރީ ނިދާފައި އޮންނައިރު ކުރިމިނަލްކޯޓް ހޭލާ އޮންނަކަން މިގައުމުގައި ދަންނަ
މީހަކު ނުވަތަ މިކަމާއި ސަމާލުވާ ދައުލަތުގެ އެއްވެސް މުވައްސަސާއެއް އެބައޮތްތޯ
އިސްގާޒީ އަބްދުﷲ މުހައްމަދު  ސުވާލް
އުފައްދަވާފައިވެއެވެ.



ރޭގެ ހަފްލާގައި ދައްކަވަމުން އިސްގާޒީ އަބްދުﷲ މުހައްމަދު
ވިދާޅުވީ އެކޯޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނޫ އާސާސީންނާއި ގާނޫނޫ
ތަކުން ދައުލަތުގެ މުވައްސަސާތަކަށް މަތިކޮށްފައިވާ ކަންކަމުގައި އެއްބާރުލުން
ނުލިބުމާއި އެކަންކަމުގައި އިހްމާލުވުންކަމަށެވެ. އަދި ކޯޓަށް ދިމާވެފައިވާ
ދަތިކަން ހައްލު ނުވުމުގެ ސަބަބުން ދާދި ފަހުން އެކޯޓަށް ހުށައެޅުނު ކުރީގެ
ރައީސްއަކާއި ކުރީގެ ޑިފެންސް މިނިސްޓަރަކާއި މިހާރުގެ ޑިފެންސް މިނިސްޓަރެއްގެ
މައްސަލަތަކުގައި ގާނޫނު އަސާސީއާއި ގާނޫންތަކުން ލިބިދީފައިވާ ބައެއް ކަންކަން
ފޯރުކޮށްދިނުމުގައި ނުކުޅެދޭ ހާލަތަށް ކޯޓަށް ދާންޖެހުނުކަންވެސް އިސްގާޒީ އަބްދުﷲ
މުހައްމަދު ފާހަގަކުރެއްވިއެވެ.



ކުރިމިނަލްކޯޓްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި
ހަފްލާގައި މިދިޔަ އަހަރު އެކޯޓްގެ މަސައްކަތް ހިގައިދިޔަ ގޮތުގެ އަހަރީ ރިޕޯރޓް
ނެރެފައިވެއެވެ. މީގެއިތުރުން މިދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ފަނޑިޔާރުންނާއި
މުވައްޒަފުންނަށް ހަދާނީ ފިލަޔާއި ސެޓްފިކެޓް ދީފައިވެއެވެ.