ޚަބަރު

ހުޅުމާލެ މާރުކޭޓު ތިޔާގި- މާލޭއާއި އަޅާބަލާއިރު ތަކެތީގެ އަގުބޮޑު!


ހުޅުމާލޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް އެއްތަނަކުން ވިއްކާ އެންމެ ބޮޑު މާރުކޭޓަކީ ހުޅުމާލޭ ހުވަނދު މާރުކޭޓެވެ.

ކޮންމެ ރޯދަމަހަކާއި ދިމާކޮށްވެސް ކެއިން ބުއިމަށް ބޭނުންވާ ތަފާތު ބާވަތްތައް މި މާރުކޭޓުން ވިއްކާއިރު މިފަހަރު ވެސް މި މާރުކޭޓު ފެންނަނީ ވަރަށް ތިޔާގިކޮށެވެ.

ހުޅުމާލޭ ހުވަނދު މާރުކޭޓަށް ބަލާލާއިރު މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކަނޑުމަހާއި ފަރުމަސް އަދި މީގެ އިތުރުން ވަޅޯމަހުގެ އެކި ބާވަތްތައް ލިބެން އެބަހުއްޓެވެ. ފަނިގިރާ މޭވާގެ ބާވަތްތަކަށް ބަލާލާއިރު އާފަލް، އޮރެންޖް، ކަރާ، އަންނާރު، ކިވީ، މޭބިސްކަދުރު، ފޭރު ފަދަ ބާވަތްތައް މި މާރުކޭޓުގައި އެބަހުއްޓެވެ.

މޭވާގެ ބާވަތްތަކުގެ އަގުތައް

ކަރާ: ކިލޯއެއް 40ރއާއި 45ރ އާއި ދެމެދު
ދޮންކެޔޮ: 3ރ އަދި 4ރ އަށް ވަކެއް
އާފަލެއް: 6ރ އަށް
އޮރެންޖެއް: 5ރ އަށް
އަންނާރު: 80ރ އަށް
ފޭރު: 100ރ އަށް ކިލޯއެއް
މޭބިސްކަދުރު: 100 ގްރާމް 100 ރުފިޔާއަށް
ރަންބުސްތާން: 200ރ އަށް ކިލޯއެއް
ފަޅޯ: 45 އަލަށް ކިލޯއެއް
އަނބު: 90ރ އަށް ކިލޯއެއް

ހުޅުމާލޭ ބާޒާރުގައި މޭވާގެ އަގުތަކާއި އަޅާބަލާއިރު، މާލޭ ބާޒާރުގައި މޭވާގެ އަގުތައް ހެޔޮކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މާލޭ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާއަށް ހުރިއިރު، މޭވާގެ އެހެނިހެން ބާވަތްތަކުގެ އަގުތައް މާލޭ ބާޒާރުގައި އަގުހެޔޮކަން ފާހަގަކޮށްލެވެއެވެ.

ރޯދަ މަސް ފެށުމާއެކުއެކު އެންމެ ވައިގައި ހިފި އެކައްޗަކީ ކަނޑޫދޫ މިރުހެވެ. ހުޅުމާލޭ ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އުޅެނީ 100 ގްރާމް 80ރ އާއި 90 ރުފިޔާއާއި ދޭތެރޭގައެވެ. ނަމަވެސް މިހާރު މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ އަގު މިހާރު ވަނީ 75ރ އަށް ވެއްޓިފައެވެ.

ތަރުކާރީގެ ބާވަތްތަކާއި މިރުހުގެ އެހެނިހެން ބާވަތްތަކުގެ އަގުތައް

ޔުގޭންޑާ މިރުސް: 40ރ އަށް 100 ގްރާމް
ތުލުސްދޫ މިރުސް: 40ރ އަށް 100 ގްރާމް
ކޮޕީ ފަތް: 10ރ އާއި 15ރ އާއި ދެމެދު
ކުއްޅަ ފިލާފަތް: 15ރ އަށް
ކައްޓަލަ: 45 ރުފިޔާއަށް ކިލޯ
އިންޑިޔާއިން އެތެރެކުރާ އަލަ: 70ރ އަށް ކިލޯ
ލެޓިއުސް: 150 އަށް ކިލޯއެއް
ކާށި 15ރ އާއި 20ރ އާއި ދޭތެރޭގެ އަގެއްގައި

ހުވަނދު މާރުކޭޓުގެ ޚާއްސަކަމަކީ ތަރުކާރިއާއި މޭވާއާއިއެކު އެއްތަނަކުން މަހާއި މަހުގެ ބާވަތްތައް ވެސް ގަންނަން ލިބެން ހުރުމެވެ.

މަހުގެ ބާވަތްތައް

ކަންނެލި 190ރ އަށް ކިލޯ
ރަތްމަސް: 80ރ އަށް ކިލޯ
ފާނަ: 80ރ އަށް ކިލޯ
ތޮޅި: 60އަށް ކިލޯ
ބޯވަ: 160ރ އަށް ކިލޯ
ވަޅޯ މަސް: 30ރ އާއި 50ރ އާއި ދެމެދު

ރަމަޟާން މަސް ފަށައިގެން ކުރިއަށްދާއިރު ހުޅުމާލޭގެ މާރުކޭޓުގައި ވިއްކާ ތަކެއްޗަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން "ރަށު މާރކޭޓުގެ" ނަމުގައި މާރުކޭޓެއް ތަޢާރަފްކޮށް ގޮޅިތައް ހަވާލުކޮށްފައިވީނަމަވެސް މި މާރކޭޓުން އަދި ވިޔަފާރި ކުރަން ނުފަށައެވެ.