ޚަބަރު

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން އިތުރަށް ފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފައާޒް ޢަބްދުﷲ ޝާހިދު އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާއެކު މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ދެ ޤައުމުގެ ރައްޔިތުންނަށް ދެޤައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިއޮތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހުގައިވެސް، އެޤައުމަށް ދާ ދިވެހިންނަށް މިހާރުވެސް އޮން އެރައިވަލް ވިސާ ލިބުމުގެ އިންތިޒާމު ހަމަޖެހިފައިއޮތުމަކީ ދެޤައުމުގެ ގާތް ގުޅުން ހާމަވާކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ވަނީ ދެކުނު އޭޝިއާ ސަރަހައްދުން ހައްދު ފަހަނައަޅާ ދިއުމާއި ޓެރަރިޒަމްގެ އަމަލުތަށް ނައްތާލުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ރާއްޖެއިން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެއިތުރުން އެމަނިކުފާނުވަނީ ލަންކާއަށް ކުރިމަތިވި ނުރައްކާތެރި ޙާލަތުގައި ލަންކާ ސަރުކާރުން އެޅުއްވި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަށް ފާހަގަކުރައްވާ، ކުރިއަށް އޮތްތަނުގައި ދެކުނު އޭޝިއާ ސަރަހައްދުން ޓެރަރިޒަމް ނައްތާލުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ވަނީ މި ދަނޑިވަޅުގައި ރާއްޖެއިން އެޤައުމާއެކު އޮތްކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްއޮތްތަނުގައި މަސައްކަތްކުރައްވާނެކަމަށްވެސް ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައިވާއިރު، އެމަނިކުފާނުވަނީ ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ވަނީ ދެ ޤައުމުގެ މަޖިލީހާއި ޤާނޫނީ ބާރުވެރިކަން ހަރުދަނާ ކުރުމާއިބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާގެ އިދިކޮޅު ލީޑަރ މަހިންދަ ރާޖަޕަކްސަ އާވެސް ބައްދަލުކުރައްވާފައެވެ.

ލަންކާއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އެޤައުމުގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ސްރީ ލާންކާގައި ދިރިއުޅެން ބޭނުންވާ އެހެން ޤައުމުތަކުގެ ރައްޔިތުން ހައްދަންޖެހޭ "ރެޒިޑެންސް ވިސާ" އެބައެއްގެ އަމިއްލަ ޤައުމުގައި ތިބެގެން ހެއްދުމަށް ސްރީ ލަންކާ ސަރުކާރުން މިހާރުވަނީ އަންގާފައެވެ. މި ބަދަލު ގެނައިނަމަވެސް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް އޮން އެރައިވަލް ޓުއަރިސްޓް ވިސާ ލިބޭނެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވަނީ ހާމަކުރައްވާފައެވެ.