ޚަބަރު

ފަޒީލްގެ ބަންދަށް 10 ދުވަސް ޖަހައިފި


ލ.ގަމުގައި މީހަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ލ.ގަމުގައި ޢުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފޭރިގަނެފައިވާކަމަށް ތުހުމަތުކުރެއެވެ. ޢަދި އެމީހާ ދުކޮށްލުމަށްފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުނު މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ދެ މީހަކު މީގެ ކުރިންވެސް ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފަޒީލް ހައްޔަރުކޮށްފައިވަނީ ފިލައިގެން ހުޅުމާލޭގައި އުޅެނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޝިމާ ގެއްލުނު ހާދިސާއާއި އޭގެ ފަހުން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު މައްސަލާގައިވެސް ފަޒީލް ވަނީ ހައްޔަރުކޮށްފައެވެ. ޢެހެންނަަމަވެސް މި ދެމައްސަލައިގެ ތަހުޤީގަށްފަހު ފަޒީލްވަނީ ދޫކޮށްލާފައެވެ.

ސިމާ ގެއްލުނު މައްސަލާގައި ފަޒީލް ދައްކާފައިވާ ވާހަކަތަކާއި މެދު ޝައްކު އުފޭދޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ފަޒީލް ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތް، ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާކަމަށެވެ.

ޝިމާ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ވަނީ ޕީޖީއަށް ހުށައަޅާފައެވެ.