ޚަބަރު

މާވެޔޮ މިސްކިތް ރޯދައިގެ ކުރިން ނިމޭނެ - އިސްލާމިކް މިނިސްޓްރީ


ރަމަޟާން މަސް ނިމުމުގެ ކުރިން ބަހާއުއްދީން މިސްކިތް (މާވެޔޮ މިސްކިތް) ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން ނިންމާފައިވަނީ މިސްކިތުގެ އެއް ފަންގިފިލާގެ މަސައްކަތް ނިންމާ ރޯދަމަހަށް ހުޅުވުމަށްކަމަށެވެ. އެހެންނަމަވެސް މިސްކިތުގެ މަސައްކަތުގެ ކުރިޔަށް ވުރެ ބާރަށް ދާތީ ރޯދަ މަސް ނިމުމުގެ ކުރިން މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢިލް އަފްރާޙް ވިދާޅުވީ މާވެޔޮ މިސްކިތާއި މާދުރުނު ނޫން ހިސާބެއްގައި ހުރި ޒިކުރާ މިސްކިތް ތަޅާލާފައިވާތީ އެސަރަޙައްދުގައި އިތުރު މިސްކިތެއް ނެތުމާއެކު ގިނަ ބައެއްގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެހެންކަމުން މާވެޔޮ މިސްކިތް ވީ އެންމެ އަވަހަކަށް ނިންމައި އެ މިސްކިތުގައި އާންމުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށް އަފްރާހު ވިދާޅުވިއެވެ.

ކުރިން ދެ ފަންގިފިލާއަށް ހުރި މާވެޔޮ މިސްކިތް ތަރައްޤީކުރަނީ ގާތްގަނޑަކަށް 1800 މީހުނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް 5 ފަންގިފިލައަށެވެ. މި މިސްކިތް ބިނާކުރުމަށްދާ ޚަރަދުގެ އެއްބައި ކުރިން ސަރުކާރުން ދޭގޮތަށް އޮތް ނަމަވެސް މިހާރު މި މަސައްކަތުގެ ހުރިހާ ޚަރަދެއްކުރާނީ އަމިއްލަ ފަރާތަކުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިރަމަޟާން މަހާއި ދިމާކޮށް މާލޭގައި 3 މިސްކިތެއް ހުޅުވުމަށް ނިންމާފައިވާއިރު އަމިއްލަ ފަރާތަކުން އަލުން އިމާރާތްކުރި މުޙައްމަދު ޖަމީލް މިސްކިތް (ފައިފުހޭ މިސްކިތް) އަދި އެއް ހާސް މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ގޮތަށް ވިލިމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ވަނީ ނިންމާ އާއްމުކޮށް ހުޅުވާލާފައެވެ.