ސިޔާސީ

ތިލްމީޛާ މަގާމުގެ މަސައްކަތަށް ނުކުންނަވައިފި


ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައެޅުއްވި ސަފީރު ތިލްމީޛާ ޙުސައިން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފިއެވެ.

މަގާމުގެ މަސައްކަތަށް ނުކުމެ ވަޑައިގެން ތިލްމީޛާ ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޗީފް އޮފް ޕްރޮޓޮކޯލް، ޝޯ ޕީ ލޯލާއަށް ސަފީރު ކަމުގެ ފަތްކޮޅުގެ ކޮޕީއެއް، އަރުވާފައެވެ.

ތިލްމީޛާ ޙުސައިން މިހާތަނަށް ހުންނެވީ، ނިއުޖަރސީގެ ރަމަޕޯ ކޮލެޖްގެ އެޑްޖަންކްޓް ޕްރޮފެސަރ އޮފް ސަސްޓެއިނެބިލިޓީގެ މަޤާމާއި، ޔުނައިޓެޑް ސްޓޭޓްސް ކްލައިމެޓް އެކްޝަން ނެޓްވަރކްގެ ސޯޝަލީ އެންޑް އިކޮނޮމިކަލީ ޖަސްޓް އެޑެޕްޓޭޝަން އެންޑް މިޓިގޭޝަން ޓީމްގެ ކޯ-ޗެއާރ ގެ މަޤާމުގައެވެ.

އެމެރިކާގެ ކޮލޮރާޑޯ ޓެކްނިކަލް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ތިލްމީޛާ ވަނީ ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިއުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ކަމާއި، އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރ ގެ މަޤާމު ވެސް އަދާ ކުރައްވާފައެވެ.

އެމެރިކާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން މިދިޔަ ސަރުކާރުގައި ހީނަރުވެފައި އޮތުމަށްފަހު މި ސަރުކާރުވެރިކަމާއި ހަވާލުވެ މި ގުޅުން ހަރުދަނާ ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގެ ދަށުން ތަރައްޤީގެ ބައއް މަޝްރޫއުތަކަށް އެމެރިކާއިން އަންނަނީ ހިލޭ އެހީ ދެމުންނެވެ.