ޚަބަރު

އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ލ.އަތޮޅުން


މިދިޔަ އޭޕްރީލް މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ލ.އަތޮޅުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑެންގީ ހުން ޖެހިގެން 86 ފަރާތަކުން ރިޕޯޓް ކޮށްފައިވާއިރު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ އަތޮޅާއި މާލެ ސަރަހައްދުންނެވެ. މި އަހަރުގެ މިހާތަނަށް ޑެންގީ ހުންޖެހިގެން 1930 ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ ތިން އަހަރުގެ މި ދުވަސްވަރާއި އަޅާބަލާއިރު މި އަހަރުގެ މިދުވަސްވަރު ޑެންގީހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު އަދިވެސް އިތުރުވަމުންދާކަމަށެވެ.

ޑެންގީ ހުމުގެ އިތުރުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރާ މިންވަރުވެސް އިތުރުވަމުންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެގޮތުން ޗިކުންގުންޔާ ޖެހިގެން މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެއިންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މާލެއިން އެކަނިވެސް ޗިގަންގުންޔާ ޖެހިގެނެ 368 ކޭސް ރިޕޯޓްކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ގއ އަތޮޅުންނެވެ. އެ އަތޮޅުން 291 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ 839 ކޭސް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރު ވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މިބަލިތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ގޭގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުމާއި، ޚާއްޞަ ގޮތެއްގައި އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.