ޚަބަރު

ބަސް އެކްސިޑެންޓުގައި މަރުވި މީހާއަށް މިދަނީ އެހީތެރިވަމުން - އެމްޓީސީސީ


ހުޅުމާލޭގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިންގެ އަންހެން މީހާގެ އާއިލާއަށް އެހީތެރިވަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު ނާޒިމް ވިދާޅުވީ، މަރުވި ޔޫކްރޭން އަންހެން މީހާގެ އާއިލާ މިއަދު ހަވީރު 3 ޖެހިއިރު ރާއްޖެ އައިސްފައިވާކަމަށާއި، އާއިލާއަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދެމުންދާކަމަށެވެ.

ނާޒިމް ވިދާޅުވީ، މަރުވި އަންހެން މީހާއާއެކު އޭނާގެ އެކުވެރިއަކުވެސް ރާއްޖެ އައިސް ހުރި ކަމަށާއި، އެހެންކަމުން އެމީހުން ތިބޭ ގެސްޓް ހައުސްގެ ކަންކަންވެސް މިހާރު ހަމަޖައްސަމުން އަންނަނީ އެމްޓީސީސީން ކަމަށެވެ. މީގެ އިތުރުން އަންހެންމީހާގެ ހަށިގަނޑު ޔުކްރެއިންއަށް ފޮނުވުމުގެ ކަންކަން އެމްޓީސީސީން ހަމަޖައްސައިދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހެނދުނު ޖޮގިންއަށް ނުކުމެ އުޅެނިކޮށް މި އަންހެންމީހާ މަރުވީ އިއްޔެ ހެނދުނު 6:37 ކަންހާއިރު ހުޅުމާލޭ ފިތުރޯނު މަގުން އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިން ދުއްވާފައި ދިޔަ އެމްޓީސީގެ ބަހަކުން ޖެހި ހިނގި މި އެކްސިޑެންޓުގައެވެ. މި މައްސަލައާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭނާގެ ބަންދަށް ކޯޓުން ވަނީ 3 ދުވަސް އިތުރުކޮށްފައެވެ.