ޚަބަރު

އެކްސިޑެންޓުވި ބަސް ދުއްވި ޑްރައިވަރުގެ ބަންދަށް 3 ދުވަސް ޖަހައިފި


އިއްޔެ ހުޅުމާލޭގައި ބަހަކުން ޖެހި މީހަކު މަރުވި މައްސަލާގައި ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް 3 ދުވަސް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި ޑްރައިވަރު ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ކޯޓުން ތިން ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ހުޅުމާލޭގައި އިއްޔެ ހެނދުނު ހިނގި މި އެކްސިޑެންޓް ވެފައި ވަނީ ބަސް ދުއްވަންއިން ޑްރައިވަރަށް ނިދިޖެހުނު ވަގުތު ބަސް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެން ކަމަށް ލަފާކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ރާއްޖެއައިސް އުޅުނު އުމުރުން 31 އަހަރުގެ ޔުކްރެއިން އަންހެނެކެވެ.

މި އެކްސިޑެންޓް ހިނގީ ޔުކްރެއިން އަންހެން މީހާއާއި އިތުރު އަންހެނަކު ހެނދުނު ހިނގާލަން ނުކުމެ އުޅެނިކޮށެވެ. އަދި ބަސް ކޮންޓްރޯލް ނުވެގެން އެމީހުންނާއި ދިމާލަށް ދާން ފެށުމުން ދެ މީހުންވެސް ދުއްވައިގެންކަމަށާއި ޔުކެރެއިން މީހާ ބަސްދަށުވީ މަގުގައި ހުރި ގާފޮޅެއްގައި އެނާގެ ފައި ތާށިވެ ވެއްޓުމުންކަމަށް އެނގިފައިވެއެވެ. އެމީހާގެ ގައިމަތިން އަރައިގެން ދިޔަ ބަސް ކޮންޓްރޯލްވެފައިވަނީ މަގުގެ އެއްފަޅީގެ ޕޭމަންޓަށް އަރާ އެތަނުގައި ހުރި ވެލި ފުންޏެއްގައި ޖެހިފައިކަމަށްވެސް މަންޒަރު ދުށް މީހުން ބުނެއެވެ.

އިއްޔެ ހެނދުނު 6:37 ކަންހާއިރު ހުޅުމާލޭ ފިތުރޯނު މަގުން އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިން ހިނގި މި އެކްސިޑެންޓް ހިނގި އިރު ބަހުގައި މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މި ހާދިސާގައި މަރުވި ޔޫކްރޭން އަންހެން މީހާގެ އާއިލާއިން މިހާރުވަނީ ރާއްޖެއައިސް އަންހެންމީހާގެ ހަށިގަނޑާއި ހަވާލުވެފައެވެ. އެމްޓީސީސީން ވަނީ މިކަމާ ގުޅިގެން އެ މީހާގެ އާއިލާއަށް ވެދެވެން އޮތް އެހީތެރިކަމެއް ދޭނެކަމަށްވެސް ބުނެފައެވެ.