ޚަބަރު

މަހިބަދޫ ފެނުގެ ނިޒާމުގެ ޚިދުމަތްފަށާނީ މައްސަލަ ހައްލުކޮށްގެން


އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިމުމަކާހަމައަށް
އައިއިރު، އެނިޒާމުން ގަބޫލުނުކުރެވޭ ފެންވަރުގެ ކަންތައްތަކެއް ފާހަގަކުރެވިގެން
އެކަންކަން ހައްލުކުރުމަށް ކޮންޓްރެކްޓަރާ މަޝްވަރާކުރެވި މަސައްކަތް ކުރެވެމުންދާކަމަށް
އެންވަޔަމަންޓް މިނިސްޓްރީން ބުނެފިއެވެ.



މިކަމާގުޅޭ ގޮތުން އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އެންވަޔަރމަންޓް
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަތީން މުޙައްމަދު ވިދާޅުވީ، މަހިބަދޫ
ފެނުގެ ނިޒާމުގެ މަސައްކަތްކުރެވިފައިވާގޮތުގެ ދިރާސާއެއް ކުރުމަށްފަހު ރިޕޯޓެއް
ހުށަހެޅުމަށް މަސައްކަތް ހިންގާ ޔުނޮޕްސްއަށް އަންގާފައިވާނެކަމަށެވެ.



މަތީން ވިދާޅުވީ، އެ ރިޕޯޓު ނިމުމުން ހުރި މައްސަލަތަށް ފާހަގަކޮށް
ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުކުރަންޖެހޭކަންކަން ފުރިހަމަވެ ރަށަށް ދާއިމީގޮތެއްގައި
އެނިޒާމްގެ ދަށުން ފެން ފޯރުކޮށްދޭން ފެށޭނެކަމަށެވެ.



މަހިބަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޚަލީލް ވިދާޅުވީ، އެރަށުގެ ފެނުގެ
ނިޒާމްގައި ރައްޔިތުންނާއި ކައުންސިލަށް ފާހަގަކުރެވުނު ބައެއް މައްސަލަތައް
އެންވަޔަރމަންޓް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.



އެންވަޔަމަންޓް މިނިސްޓްރީން ރަށްރަށުގައި ކުރިޔަށްގެންދާ މިފަދަ ކޮންމެ
ޕްރޮޖްކްޓެއްވެސް ނިމި، ޚިދުމަތްދޭން ފެށުމުގެ ކުރިން އެޕްރޮޖެކްޓެއް
ފުރިހަމަކޮށްފައިވާ ގޮތްބަލާނެކަމަށާއި، މަސައްކަތުގެ ފެންވަރުދަށްވެ ނުވަތަ
މައްސަލަތަކެއް އުޅޭނަމަ އެކަން ހައްލުކުރައްވާނެކަމަށް އެމިނިސްޓްރީން
މައުލޫމާތުދެއެވެ.



މަހިބަދޫ ފެނުގެ ނިޒާމަކީ ސަރުކާރާއި ޔޫ،އެން.ޑީ.ޕީން ޚަރަދުކޮށްގެން ހިންގާ
ޕްރޮޖެކްޓެކެވެ.