ސިޔާސީ

ދައުލަތުން ޕީޕީއެމަށް ދޭންޖެހޭ ފައިސާ ދީފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ 18 މިލިއަން ރުފިޔާގެ ތެރެއިން ހިފެހެއްޓި 8.6 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބައެއް ދޫނުކޮށް މަޑުޖައްސާފައިވަނީ އެ ޕާޓީގެ މިލްކްވެރި ފަރާތާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ ކޯޓުގައި އޮތުމުންނެވެ.

އެފައިސާ ދޭނެކަން އަންގާ ފިނޭންސް މިނިސްޓްރީން އެޕާޓީއަށް ކުރިން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެ ފައިސާ ދިނުން ލަސްވީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަށް ނުވާތީ ކަމަށެވެ. އަދި މިމަހުގެ ތެރޭ އެ ފައިސާ ޕީޕީއެމަށް ދޫކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި އެ މިނިސްޓްރީއިން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްއިން ބުނީ އެފައިސާ ޖަމާ ކުރަން އެމްއެމްއޭއަށް ފޮނުވިކަން އަންގައި މި މަހުގެ ދެވަނަ ދުވަހު ފިނޭންސްއިން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ޖަމާވި ކަމުގެ އެއްވެސް ލިޔުމެއް ލިބިފައި ނުވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ފައިސާ ދޫނުކޮށް ހިފެހެއްޓީ ޕީޕީއެމްގެ މައްސަލަ ނުނިމި އޮތުމުން ކަމަށް އީސީން ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ފައިސާ ދޫނުކޮށްގެން ޕީޕީއެމް އިން ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. ފައިސާ ދޫނުކުރުމުގެ ސަބަބުން އެ ޕާޓީގެ ހިންގުމަށްވެސް ދަތިތަކެއް ކުރިމަތިވިކަމަށް ޕީޕީއެމުން ބުނެއެވެ.