އިއްޔެއަކީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. ސޯޝަލް މީޑިއާގައާ އަދި ރާއްޖޭގެ އެހެން ބައެއް މީޑިއާތަކުން އިއްޔެ ބޮޑަށް ފެނިގެން ދިޔައީ ރޯދައާ ގުޅުން ހުރި އެކިއެކި ޚަބަރުތަކާއި މަޢުލޫމާތުތަކެވެ. އޭގެތެރެއިންވެސް އެންމެންގެވެސް ލޯތައް އަމާޒުވެގެން ދިޔަ ކަމެއް ރޯދަމަހުގެ ފުރަތަމަ ދުވަހު މިވަނީ ފާހަގަކުރެވިގެން ގޮސްފައެވެ. އެއީ މާލޭގެ ބާޒާރުން ޚާއްސަ ގޮތެއްގައި މާރުކޭޓުގެ އެކި ގޮޅިތަކުން ވިއްކަން ހުރި ދިވެހި އުފެއްދުންތައް އިމްޕޯޓު ކޮށްގެން މާލެ ގެނެސްގެން ވިއްކާ މުދަލަށްވުރެވެސް އަގުބޮޑު ވާހަކައެވެ.
ދިވެހިން އެންމެ ގިނައިން ލޯކަލް މާރުކޭޓުން ހޯދާ ބާވަތްތަކުގެ ތެރެއިން ކަނޑޫދޫ މިރުހަކީ ފާހަގަކޮށްލެވޭ އެއްޗެކެވެ. މިއަދު ކަނޑޫދޫ މިރުސް ބާޒާރުގައި ހުރީ ރަނަށްވުރެވެސް އަގުބޮޑުކޮށެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން 500 ރުފިޔާއަށް ލިބެންހުރި ކަނޑޫދޫ މިރުސް ކިލޯއެއް އިއްޔެ ހުރީ 1000 ރުފިޔާއަށް ވުރެވެސް މަތީގައެވެ. މިރުހުގެ އިތުރުންވެސް އިމްޕޯޓު ކޮށްގެން ވިއްކާ ބައެއް މުދަލުގެ އަގުވެސް އުޅެނީ ބޮޑުކޮށެވެ.
މި ވާހަކަތައް އެންމެ ގަދައަށް ދެކެވެމުން ދިޔައީ ޓްވީޓަރގައެވެ. ޚާއްސަ ގޮތެއްގައި ކަނޑޫދޫ މިރުހުގެ ވާހަކައެވެ. 1000 ރުފިޔާއަށް ކަނޑޫދޫ މިރުސް ކިލޯއެއް ލިބޭތީ ގިނަ ފަރާތްތަކަކުން އަންނަނީ އެކަމާ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ކަންބޮޑުވުން ފާޅުކުރާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުން ދަނީ މިއަދު ކަނޑޫދޫ މިރުސް ކިލޯއެއް ގަތުމެކޭ ބޮޑު އަގުގައި މާލޭގައި ކުއްޔަށް އުޅުމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
"10 ކިލޯގެ ކަނޑޫދޫ މިރުސް ގަތީމަ އެއީ މާލޭގެ އެއް ކޮޓަރީގެ ކުލީގެ އަގު. ފަސް ކިލޯ ގަތީމަ މުސާރައިގެ ދެބައިކޮށްފައި އެއްބައި އެ ދިޔައީ،" ކަނޑޫދޫ މިރުސް އަގުބޮޑުވުމާއި ގުޅިގެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ބުނެފައެވެ.
ކަނޑޫދޫ މިރުހަކީ އެތައް ބަޔަކު ގަންނަން ބޭނުންވެފައިވާ މިރުހެކެވެ. އެއީ އެ މިރުހަކީ ދިވެހިންގެ ސުފުރާ މައްޗަށް އަރުވާ ލޮނު ހެދިކާތަކުގެ ކުޅި އޭގެ އެންމެ މީރު ގޮތުގައި ފޯރުކޮށްދޭ އެއްޗަށްވާތީ އެވެ. އެހެންކަމުން ސޯޝަލް މީޑީއާގައި މިއަދު ބައެއް ފަރާތްތަކުން ވަނީ ސަމާސާއަށް ނަމަވެސް އެންމެ މިރުހެއް 145 ރުފިޔާއަށް ވިއްކަން ޖަހާފައެވެ. ބުނެދޭން ބޭނުން ވަނީ ކަނޑޫދޫ މިރުސް ބާޒާރުގައި ތަދުވެފައި އަގުވެސް އެހާމެ ބޮޑުވުމެވެ.
ކަނޑޫދޫ މިރުހުގެ ތަދުކަމާއި އޭގެ އަގުބޮޑު ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކަމުން ދައްކަމުން ގޮސް އެންމެ ފަހުން މިކަން މިވަނީ ބޮޑު ޒުވާބަކަށް ގޮސްފައެވެ. ޚާއްސަ ގޮތެއްގައި މާލެ ރައްޔިތުންނާއި ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ބަހުގެ ޙަމަލާތަކެއް ވަނީ ރައްދުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މާލޭގެ ރައްޔިތުން ބޭނުންހާ އަގެއްގައި ގެތަކުގެ ކުލީގެ އަގު އުފުލަމުންދާއިރު ދަނޑުވެރިން ހައްދާ ބާވަތްތަކުގެ އަގު އެމީހުންނަށް ބޮޑު ނުކުރެވެންވީ ސަބަބެއް ނެތެވެ.
"ކަރާ އަދި މިރުހުގެ އަގު ބޮޑުވާ ވާހަކަ ދައްކާ މީހުން މާލޭގެ ގެތަކުގެ ކުލީގެ އަގުވެސް ބޮޑުވާ ވާހަކަ ދައްކާލުން ރަނގަޅު،" މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
މި މައްސަލާގައި މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ވިއްކުމަށް ހުންނަ މިރުސް ގަންނަނީ މާލޭ ރައްޔިތުން އެކަނި ނޫން ކަމަށެވެ. މާލޭގެ ގެދޮރުވެރިންނަކީވެސް ހަމައެކަނި މާލޭ މީހުންނޫން ކަމަށް އޭނާ ބުންޏެވެ.
"މާލޭގެ އެތައް އިމާރާތެއްގެ ވެރިންނަކީ ރަށްރަށު މަހުޖަނުން. ރަށު މަހުޖަނުންވެސް މާލޭގެ ބިމުގައި ތަން ހަދާފައި ރަށުފަގީރަށް ކުއްޔަށް ދޭ. ރާއްޖޭގައި އޮތީ ފަގީރުންނާއި މުއްސަނދިންގެ ތަފާތު" ޝޯޝަލް މީޑިއާގެ އެކްޓިވިސްޓު ލޫކަސް ޖަލީލު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
މާލޭގެ ކުލީގެ އަގާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ބުނަނީ އެ އިމާރާތަކީ އަމިއްލަ އިމާރާތެއް ކަމަށެވެ. އަދި އެ އިމާރާތުގައި އިމާރާތް ކުރަނީވެސް އަމިއްލައަށް ކަމަށާއި އެހެންކަމުން ކުއްޔަށްވެސް ދޭނީ އިމާރާތުގެ ވެރިމީހާ ބޭނުންވާ އަގަކަށް ކަމަށެވެ. އަދި އެ އަގަކީ ކުއްޔަށް ހިފާ މީހާ ބޭނުންވާ އަގަކަށް ވާން ނުޖެހޭ ކަމަށްވެސްވެއެވެ. އެފަދަ ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެމުން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަމިއްލަ ދަނޑުގައި އަމިއްލައަށް ހެއްދި މިރުސް ގަހުގެ މިރުސް ވިއްކާނީ މިރުސް ގަންނަން އަންނަ މީހާ ބުނާ އަގަކަށް ނުވަތަ ބޭނުން އަގަކަށް ނޫން ކަމަށެވެ.
ކޮންމެއަކަސް ރޯދަ މަހުގެ ފުރަތަމަ ރޯދަ ނިމި ދެވަނަ ރޯދަ ހިފައިގެން މިއަދު ތިބިއިރު މުޅި ސޯޝަލް މީޑިއާ ގުގުމަމުން ދަނީ ކަނޑޫދޫ މިރުހުގެ އަގާއި މާލޭގެ ގެތަކުގެ ކުލީގެ އަގުންނެވެ. ކުއްޔަކީވެސް މީހުންގެ އެތައް ޝަކުވާއެއް އަދި އެތައް ކަންބޮޑުވުމެއް އޮތް ކަމަކަށްވާއިރު މި ކަމަކީ މިއަދާއި ހަމައަށްވެސް ޙައްލެއް ލިބިފައި ނުވާ ކަމެކެވެ. ރައްޔިތުންގެ އުއްމީދަކީ މާލޭގެ ކުލީގެ އަގުވެސް ހެޔޮވެގެން ދިއުމެވެ.