ޚަބަރު

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި


މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ރާއްޖޭއެކި ހިސާބުތަކުގައި ފަށައިފިއެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖެހުމާހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. މާލޭ ވިލިމާލޭ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީ:

  • އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ
  • ރަތް ހަނޑުލުންނަމަ 75 ރުފިޔާ
  • އާދައިގެ ފުށުންނަމަ 15 ރުފިޔާ
  • އާޓާ ފުށުންނަމަ 60 ރުފިޔާ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރަމަޟާންމަހުގެ 29 ގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.