ވިޔަފާރި

މިދިޔަ އަހަރު އެކްސްޗޭންޖް ރޭޓް އެއްވަރެއްގައި ހިފެހެއްޓުން - އެމްއެމްއޭ


ރާއްޖޭގެ އިގުތިޟާދަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ލިބުނުކަން އެމްއެމްއޭގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ "ރިއަލް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް" (ޖީޑީޕީ) ކުރިއެރި ދުވެލި ވަނީ %7.6 އަށް އިތުރުވެފައެވެ. މިއީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހު އަންދާޒާކުރެވުނު %6.0 އަށްވުރެ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއެމްއޭގެ ޤަވަރުނަރު އަޙްމަދު ނަސީރު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނުއިރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އަށް ޙާސިލްކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ އެކްސްޗޭންޖްރޭޓް އެއްވަރެއްގައި ހިފަހައްޓައި ދިވެހި ރުފިޔާއަށް އޮންނަ ޕްރެޝަރ މައްޗަށް ދިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުންކަމަށެވެ.

ނިމިގެންދިޔަ 2018 ވަނަ އަހަރު މަރުކަޒީ ބޭންކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިޤްތިޟާދުގައި ޑޮލަރަށް ބަރޯސާވާ މިންވަރު އިތުރުވުންކަމަށެވެ. ޤަވަރުނަރު އަޙްމަދު ނަސީރު ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރާ ފައިސާގެ %50 އަކީ ޑޮލަރުކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ނަގުދު ފައިސާއަށް ބިނާވެފައިއޮންނަ މިންވަރު އިތުރުވުމަކީވެސް ދިމާވާ ގޮންޖެހުމެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި އެކްސްޗޭންޖްރޭންޓް ދެމެހެއްޓުމުގެ އިތުރުން އިންފްލޭޝަން މައްޗައްދިޔަނުދީ މަނިޓަރީ ސިޔާސަތު ކުރިއަށްގެންދިއުމެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ލިބުނީ ސަރަހައްދީ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވެސް ރަނގަޅު ކުރިއެރުމެކެވެ.