ޚަބަރު

ސީޒަން އޯޕަނިންގްގެ ޗެމްޕިއަންކަން ހުސައިން އަރީފް އާއި ޢަލީ ޖާވިދް ހޯދައިފި


ސީ ސްޕޯޓްސް ރާޅު ސީޒަން އޯޕަނިންގް 2019 ގެ ޗެމްޕިއަންކަން ހުސައިން އަރީފް އާއި ޢަލީ ޖާވިދް ހޯދައިފިއެވެ.

މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި 44 ރާޅާއެޅުންތެރިން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ޝޯޓްބޯޑްގެ ބައިން ހުސައިން އަރީފް (އިބޫ) ޗެމްޕިއަންކަން ހޯދިއިރު، ޢަލީ ޖާވިދް (ޖާއްޓެ) ޗެމްޕިއަންކަން ހޯދީ ބޮޑީބޯޑިން ކެޓަގަރީންނެވެ.

ޝޯޓްބޯޑް ޑިވިޝަނުގައި 23 ރާޅާއެޅުންތެރިން ވާދަކުރިއިރު، މިބައިން ދެވަނަ ހޯދީ އަޙުމަދު އަގީލް، އަދި ތިންވަނަ ހޯދީ އިސްމާއިލް ރަޝީދެވެ.
ބޮޑީބޯޑިން ކެޓަގަރީގައި 21 ރާޅާއެޅުންތެރިން ވާދާކުރިއިރު މިބައިން ދެވަނަ ހޯދީ އަސްވާން މުޙައްމަދެވެ. އަދި ތިންވަނަ ހޯދީ އަޙުމަދު ނަޒްމީންއެވެ.

ސީސްޕޯޓްސްއިން ސްޕޮންސާ ކޮށްގެން ބޭއްވި މިމުބާރާތަކީ، ބްރިޖުގެ މަސައްކަތް ކުރުމަށް ރާޅުގަނޑު ސަރަހައްދު ބަނދުކުރިފަހުން ބޭއްވި ފުރަތަމަ މުބާރާތެވެ. އެސަރަހައްދުގައި މުބާރާތެއް ބާއްވާފައި މިވަނީ ފަސް އަހަރު ފަހުންނެވެ.