ޚަބަރު

ސެޓްލައިޓް އަޕްލިންކް ކުރުމުގެ ޚިދުމަތް ބްރޯޑްކާސްޓަރުންނަށް


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން، އެމް.ބީ.ސީން އަލަށް ގާއިމްކުރި
ސެޓެލައިޓް އަޕްލިންކް އާތް ސްޓޭޝަންގެ ޚިދުމަތަށް އެދުނު ހުރިހާ
ބްރޯޑްކާސްޓަރުނަށް އެ ފުރުސަތު ދިނުމަަށް އެމް.ބީ.ސީން ނިންމައިފިއެވެ.
ސެޓެލައިޓް އަޕްލިންކް އާތް ސްޓޭޝަނަކީ ޓީވީ، ރޭޑިޔޯ ސިގްނަލް އެ ޗެނަލްތަކުގެ
ޚިދުމަތް އަމާޒުކުރެވޭ ހިސާބުތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ މުވާސަލާތީ
ނިޒާމެކެވެ.



މިހާތަނަށް މި ޚިދުމަތަށް އެދެވޭ ތަރުހީބެއް ލިބިފައިވާކަމަށް އެމ.ބީ.ސީ އިން
މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި
ނިޒާމަކީ ބްރޯޑްކާސްޓަރުންނަށް ހަރަދުކުޑަ ލުއިފަސޭހަ، އިގްތިސާދީގޮތުން
މަންފާލިބޭ ނިޒާމަކަށްވަތީ ސުންގަޑި ހަމަވިނަމަވެސް އަދިވެސް މިކަމަށް އެދުމުގެ
ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެމް.ބީ.ސީ އިން ބުނެއެވެ. އަދި
މިގޮތަށް ނިންމާފައިވަނީ މިހާރު ޚިދުމަތް ދެމުންދާ ކުންފުނިތަކުންނާއި، އަލަށް
ޚިދުމަތް ދޭންފަށާ ކުންފުނިތަކަށްވެސް މިކަމަކީ ފަހި ފުރުސަތަކަށް ވަތީ ކަމަށާއި،
ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމް.ބީ.ސީގެ
ސިޔާސަތުކަމަށްވެސް އެމް.ބީ.ސީ އިން މިއަދު ނެރުނު
ނޫސްބަޔާނުގައި ބުނެފައިވެއެވެ.