ޓުއަރިޒަމް

ދުނިޔޭގެ އެންމެ މަޤްބޫލް އެއަރލައިނުން ރާއްޖެ އިސްތިހާރުކުރަނީ!


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ސިންގަޕޯ އެއަރލައިނާއި ގުޅިގެން ރާއްޖެ އިސްތިހާރުކުރުމަށް ނިންމައިފިއެވެ.

އެމްއެމްޕީއާރުސީން މިއަދު ވަނީ، ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ސިންގަޕޯ އެއަރލައިނާއިއެކު މިކަމާއިގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދެވެ. އަދި ސިންގަޕޯ އެއަރލައިނުގެ ފަރާތުން ސޮއިކުރެއްވީ އެ އެއަރލައިންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ސޭލްސް އެންޑް މާކެޓިންގ ކެންޕްވެލް ވިލްސަންއެވެ.

ސިންގަޕޯ އެއަރލައިނާއިއެކު ސޮއެކުރި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ 6 ޤައުމެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ސިންގަފޯ އެއަރލައިނުން އެހީތެރިވެދޭނެއެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާ، އެމެރިކާ، ޖަޕާން، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ސިންގަޕޫރުފަދަ މަޝްހޫރު މަންޒިލްތަކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، އެއްބަސްވުމުގެ ދަށުން 2 ފަރާތުންވެސް ފައިސާ ހަރަދުކުރާނެކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ 6 މާކެޓެއްގައި ރޯޑްޝޯތަކާއި، ފޭމް ޓްރިޕްތަކާއި ބޭރުގެ މީޑިއާތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ.

"ދެ ފަރާތުންވެސް ހަމަހަމައަށް ފައިސާ ހަރަދުކުރާގޮތައް މިކަން މިގެންދަނީ. 6 މާކެޓެއްގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން މި ތައްޔާރުވަމުންދަނީ. މިއަދުން ފެށިގެން މަސައްކަތް ފެށޭނެ. މަސައްކަތް ފެށިގެން ކުރިއަށްދާނީ އެއް އަހަރަށް" ޠައްޔިބު ވިދާޅުވިއެވެ.

ސިންގަޕޯ އެއަރލައިނުގެ ސީނިއަރ ވައިސް ޕްރެސިޑެންޓް ސޭލްސް އެންޑް މާކެޓިންގ ކެންޕްވެލް ވިލްސަން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެ ޕްރޮމޯޓްކުރާ ޤައުމުތަކަކީ މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި %30 ހިއްސާކުރާ މާކެޓްތަކެއްކަމަށެވެ. ރާއްޖެއަކީ ރީތިކަމަށް މުޅި ދުނިޔޭގައި މަޤްބޫލް މަންޒިލެކެވެ. ރާއްޖެ އިސްތިހާރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މީހުނަށް ރާއްޖޭގެ ރީތިކަން އަންގައިދީ، ރާއްޖެއަކީ ކޮންމެހެންވެސް ޒިޔާރަތްކުރަންޖެހޭ މަންޒިލެއްގެ ގޮތުގައި މީހުންނަށް ބުނެދިނުމުގެ ކަންކަން ކުރިއަށްގެންދާނޭކަމަށް ވިލްސަން ވިދާޅުވިއެވެ.

ސިންގަޕޯ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ، 1984 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ސިންގަޕޯ އެއަރލައިނުގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ސިލްކް އެއަރއިން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. ސިންގަޕޯ އެއަރލައިނާއި ސިލްކް އެއަރއިން ހަފްތާއަކު 16 ފްލައިޓް ރާއްޖެއަށް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ސިންގަޕޯ އެއަރލައިނުން 35 ޤައުމެއްގެ 140 މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. ސިންގަޕޫރު އެއަރލައިނަކީ ދަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް އެއަރލައިނެވެ.