ޚަބަރު

މާފުށީ ޖަލުގައި ޤައިދީން ބޯން ބޭނުންކުރަމުންއައީ އެންމެ ރައްކާތެރި ފެނެއް ނޫން- ހޯމް މިނިސްޓަރ


މާފުށީ ޖަލުގައި ޤާއިމްކުރި ފެން ޕްލާންޓާއެކު ޤައިދީންނަށް ސާފު ބޯފެން ލިބި ފެނުގެ ޒަރިއްޔާއިން ދިމާވާ އެކި ސިއްޙީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިއްޞާވާ ގޮތަށް ޕްރިސްކޯގެ ނަމުގައި އުފެއްދި ކުންފުނިން މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ފެން ފޯރުކޮށްދިނުމަށް ޤާއިމްކުރި ފެން ޕްލާންޓުގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ސަރުކާރުން ބޭނުވާ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ފެންޕްލާންޓެއް ބެހެއްޓި ޚިދުމަތް ދޭން ފެށުމަކީ އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއާއެކު ހުރިހައި ގައިދީންނަށް ވެސް ހަމަހަމަ ގޮތެއްގައި އެކަށީގެން ސާފު ފެން ލިބިގެންދާނެ ކަމަށެވެ.

"ފެން ޕްލާންޓްގެ ސަބަބުން ހުރިހައި ގައިދީންނަށް ހަމަހަމަ ގޮތެއްގައި ބޯން އެންމެ ކަމުދާ މިނެރަލް ވޯޓަރ ލެވެލްގެ ރަނގަޅު ފެން ލިބިގެންދާނެ. އަދި ފެން ކުރިން ގަންނަމުން ދިޔަ ގައިދީންނަށް އާއިލާތަކުން އިތުރަށް ހަރަދު ކުރަން ނުޖެހި ޖަލުން ސަރުކާރުގެ ފަރާތުން ހިލޭ އިރާދަކުރެއްވީތީ ހަމަ އެކަށީގެންވާ ރަނގަޅުފެން ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ކުރިން ފޯރުކޮށްދެވޭ ފެނަކީ ބޯން އެންމެ އެކަށީގެންވާ ރައްކާތެރި ފެން ނޫން ކަމަށާއި އެހެން ކަމުން ރައްކާތެރި ފެން ބޭނުން ކުރުމަށްޓަކައި ގައިދީން ޖެހެނީ ބޯފެން ގަންނަން ކަމަށެވެ. ނަމަވެސް ހުރިހައި ގައިދީންނަކީ ފެން ގަނެގެން ބޮވޭ ވަރުގެ ބަޔަކަށް ނުވާތީ ބައެއް ގައިދީން ބޭނުންކުރަމުން ދިޔައީ އެންމެ އެކަށީގެން ނުވާ ފެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގައިދީން ޖެހެނީ އަމިއްލައަށް ފެން ގަންނަން. އެހެން ނޫނީ ފޯރުކޮށްދޭ ފެނަކީ ބޯން އެކަށީގެން ނުވާ ވަރުގެ ފެނެއް. ގިނަ އަދަދެއްގެ ގައިދީން ފެން ގަނެގެން ބޮއެ. ނަމަވެސް ބައެއް ގައިދީންނަށް ފެން ލިބިފައެއް ނުވޭ. އެހެންކަމުން ނުސާފު ފެން ބޭނުން ކުރަމުން ގެންދިޔައީ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ފެން ޕްލާންޓުގެ ސަބަބުން ސަރުކާރުން ޖަލުގައި ތިބޭ ގައިދީންނަށް ބޯފެން ފޯރުކޮށް ދިނުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އަދި ޕްލާސްޓިކް ފުޅީގައި އެތެރެކުރަންޖެހޭ ފެނަށް ހުއްޓުމެއް އައުމުގެ އިތުރުން ޖަލުގައި ބޭނުންކުރާ ޕްލާސްޓިކްވެސް މަދުވެގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ހިއްޞާވާ ގޮތަށް އަމިއްލަ ފަރާތެއް މެދުވެރިކޮށް ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ނިޒާމުގެ ދަށުން ސަރުކާރުން ގައިދީންނަށް ބޯފެން ފޯރުކޮށް ދިނުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މާފުށީ ޖަލުގައި ފެން ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގައި ކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.