ވިޔަފާރި

ކަނޑުމަސް ތިޔާގި، އަގަށް ބަދަލެއް ނާންނާނެ


ކޮންމެ ރޯދަމަހާއި އެކުވެސް ބާޒާރުގައި އެންމެ ބާރު ބޮޑު އެއްތަނަކީ މަސްމާރުކޭޓެވެ. މި އަހަރުގެ ރަދަ މަސް ފެށުމާއި އެކު މިއަދުވެސް މި ތަން ފެންނަނީ އެންމެ ބާރު ބޮޑު އެއްތަނެއްގެ ގޮތުގައެވެ. މަސްގަތުމަށް އެއްބަޔަކު އެކަކު ކައިރިން އަނެކަކު ކައިރިޔަށް ހިގަމުންދާއިރު މަސްގަނެ މަސްކެނޑުމަށް ދިގު ކިޔުތައް ވަނީ ދަމާލާފައެވެ. މަސްގަތުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެއުޅޭއިރު މަސްމާރުކެޓްވެސް އެހެން އަހަރުތަކާއި ހިލާފަށް ފެންނަނީ ވަރަށް ތިޔާގިކޮށެވެ.

ރޯދަމަހާ ދިމާކޮށް ކަނޑުމަސް ވިއްކާ މީހުންގެ އިތުރުން ފަރުމަސް ވިއްކަންވެސް ގިނަ ބަޔަކު މަސްމާރުކޭޓްގައި ތިބެއެވެ.

މަސްމާރުކޭޓްގައި ލިބެން ހުރި މަހުގެ އަގުތަަކަށް ބަލާލާއިރު ކަނޑުމަސް ކިލޯއެއް ލިބެންހުރީ 35 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ގޮދާ ކިލޯއެއް ލިބެންހުރީ 50 ރުފިޔާއަށެވެ.

މަސްވެރިން ބުނީ ހުސްވި ހަފްތާއިން ފެށިގެން މަހުގެ އަގުތައް އެއްވަރަކަށް ހިފެއްހެއްޓިފައިވާކަމަށެވެ. ގިނަ މަސްވެރިން ބުނީ ރޯދަމަހު މަހު މަހުގެ އަގުތަކަށް ބަދަލު އަންނާނެކަމަށް ނުފެންނަކަމަށެވެ. އެހެންނަމަވެސް ބައެއް މަސްވެރިންގެ ހިޔާލު ތަފާތެވެ. ބައެއް މަސްވެރިން ބުނީ ކުރިޔަށް ވިއްސާރަ މޫސުން އޮތުމާއި ރޯދަމަހު މަހަށް ނުކުންނަ ދޯނިތައް މަދުވުން މަހުގެ އަގު އުފުލުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ރަމަޟާން މަހަކީ ކަނޑުމަހުގެ އިތުރުން ފަރުމަސްވެސް ގިނަ އަދަކަށް މީހުން ބޭނުންކުރާ މަހެއްކަމުން މަސްމާރުކޭޓްގައި ފަރުމަސްވެސް ފެންނަނީ ތިޔާގިކޮށެވެ. ފަރުމަހުގެ އަގުތަކަށް ބަލާއިރު ހެޔޮވަރު މާނިޔާ މަހެއް ލިބެންހުރީ 60 ރުފިޔާއަށެވެ. ރަތްމަސް ހުރީ 150 ރުފިޔާއިން ފެށިގެން މަތީގެ އަގުތަކެއްގައެވެ. ފާނައެއް 200 ރުފިޔާއަށް ލިބެންހުރި އިރު ދޮންނޫ މަސްވެސް ބާޒާރުން ލިބެން އެބަހުއްޓެވެ.