ޚަބަރު

މަތީތަޢުލީމު ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ނައްތާލަން ސަރުކާރުން މަސައްކަތް ކުރާނެ - ނައިބު ރައިސް


މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ ކުރަންޖެހޭ ދިރާސާކުރުމަށްފަހު އެކަން ޙައްލުކުރުމަށް ކުރެވެންހުރި ހުރިހާމަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާކަމެއް ކޮށްދެއްވުމަށް ސަރުކާރުން އޮތީ ތައްޔާރަށްކަމަށެވެ. ޤައުމުގައި ހިނގާ ކަންކަމަށް އަބަދުވެސް ލޯ ހުޅުވައިގެން ތިބުމަކީ ޤައުމުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަށް ފަސޭހަ މަގެއްކަމަށްވިޑާޅުވެ ސައިރިކްސްއިން ދަސްވެނިވި ދަރިވަރުންނަށް ނައިބުރައީސްވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ. ނައިބު ރައީސް ވިދާޅުވީ މަތީ ސެޓުފިކެޓު ހޯދައިގެން ޤައުމަށް ޚިދުމަތްނުކުރާނަމަ އެސެޓުފިކެޓުގެ ބޭނުންމެއް ނެތްކަމަށެވެ. އަދި ރަނގަޅު އަޚްލާގައި ސުލޫކުނެތްނަމަ ކުރިއެރުމަކީ ދުރުގައި އޮތްކަމެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ނައިބުރައިސް ފައިސަލް ނަސީމު ވިދާޅުވީ ރާއްޖޭގައި ތަޢުލީމީ ޖީލު ހަރުދަނާ ވަމުންދާކަމުން ރަމްޒުކޮށްދެނީ ޤައުމަށް ޚިދުމަތްކުރުމަށް ކެރިގެން ކުރިމަތިލާފައިވާ ޤައުމުދެކެ ލޯބިވާ ދަރިންތަކެއް ރާއްޖޭގައި ތިބިކަންކަމަށެވެ.

ސައިރިކްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކޮލެޖުން ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ. ސައިރިކްސް ކޮލެޖުގައި ތަޢުލީމު ދޭން ފެށީފެށީ 1993 ވަނަ އަހަރުއެވެ.