ދުނިޔެ

އިސްކަންދޭނީ ސުލްޙައިގެ މަޝްވަރާތަކަށް އައުމަށް- ޔަމަން


ޔަމަންގެ ސަރުކާރުން އިސްކަންދޭނީ، އެއްގަމު މަގުން ހަމަލާތައް ދޭން ފެށިޔަނުދީ، ސުލްޙައިގެ މަޝްވަރާތަކަށް އައުމަށް ކަމަށް އެޤައުމުގެ ނާއިބު ރައީސް ޚާލިދު ބަހާހް ވިދާޅުވެއްޖެއެވެ.ސަޢުދީ އަރަބިއްޔާގެ ރިޔާޒުގައި ހުންނަވާ ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ބަހާހު ވިދާޅުވީ، ސުލްޙައިގެ ފުރިހަމަ އެއްބަސްވުމެއް އެކުލަވާލުމުގެ އެންމެ މުހިއްމު އެއް ޝަރުތަކަށް ވާންޖެހޭނީ، ހަމަނުޖެހުތަކުގައި ހިމެނޭ ހުރިހާ ފަރާތަކުން ޝާމިލްވާ އަދި ޤަބޫލުކުރާ ސުލްޙައިގެ މަޝްވަރާތަކެއް ބޭއްވުން ކަމަށެވެ. އަދި ދާޚިލީ ހަނގުރާމައާއި ގުޅިގެން ޔަމަނަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ސަމާލުކަން ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ޔަމަންގެ ނާއިބު ރައީސް ގޮވާލައްވާފައިވެއެވެ.ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ކޯލިޝަން ބާރުތަކުން އެއްގަމު މަގުން ޔަމަނަށްވަދެ އެއްގަމުން މަގުން ހަނގުރާމަ ނުފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޔަމަންގެ ނައިބު ވިދާޅުވިއެވެ. އަދި އެއްގަމުމަގުން ހަނގުރާމަ ކުރަންޖެހުމަކީ ގެއްލުންބޮޑު ކަމެއްކަމަށާ އެހިސާބަށް ކަންތައް ނުގޮސް ޔަމަނަށް ސުލްޙަ ގެނައުމުގެ ވާހަކަތައް ފެށުން މުހިއްމު ކަމަށެވެ.ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރާ ޙޫޘީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙަށް ތާއީދުކުރާ ފަރާތްތަކުން ހަތިޔާރު ބަހައްޓައިފިނަމަ ސައޫދީ އަރަބިޔާއިން ދޭ ވައިގެ ޙަމަލާތައްވެސް ހުއްޓާލާނެ ކަމަށާ އެހިސާބުން ސުލްޙައިގެ ވާހަކަތައް ފެށިދާނެ ކަމަށް ބަޙާހް ވިދާޅުވިއެވެ.