ވިޔަފާރި

"މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019" ލޯންޗްކޮށްފި


"މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019" ލޯންޗްކޮށްފިއެވެ. ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ލޯންޗްކުރީ ގްރޭންޑް ޕާރކް ކޮއްދިއްޕަރުގައި މޯލްޑިވްސް ރިސޯޓްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)އިން ބާއްވާ މޯލްޑިވްސް ޓްރެވެލް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މިއަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސް ލޯންޗްކޮށްފައިވާއިރު، އެވޯޑްސްގެ ޕާޓްނަރުންނާއިއެކު ވަނީ ސޮއެކޮށްފައެވެ.

މިއަހަރުގެ ޓްރެވެލް އެވޯޑްސްގެ ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާއެވެ. ޕްރިންޓިންގ ޕާޓްނަރަކަށް ޕްރިންޓްލެބް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އަވަސް އޮންލައިންއެވެ. މީގެއިތުން މިއަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މާކެޓިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބްލަކްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކަށް އެލައިސް ހަމަޖައްސާފައިވާއިރު، ކްރިއޭޓިވް ޑިޒައިން ޕާޓްނަރަކަށް ލޫފް ކްރާފްޓް ހަމަޖައްސާފައިވާއިރު، ޕްރޮޑަކްޝަން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ލިންކް ސާރވްއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2019 ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ޓްރެވެލް މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް އިންސައިޑަރއެވެ. ޕަބްލިޝިންގ ޕާޓްނަރަކީ އައިލެންޑް ޗީފްއެވެ.
މިއަހަރުގެ ޓްރެވެލް އެވޯޑްސް ލޯންޗްކުރުމުގެ ހަފްލާއާއި ބެހޭގޮތުން ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވިދާޅުވީ، މިއަހަރުގެ ޓްރެވެލް އެވޯޑްސްގައި ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށެވެ. އޭގެތެރޭގައި ޓްރިޕް އެޑްވައިޒަރގެ ޖަޖިންގ ކުރައިޓީރިއާ ތަޢާރަފްކުރުން ހިމެނެއެވެ. މިއަހަރުގެ ޓްރެވެލް އެވޯޑްސްގައިވެސް ގެސްޓްހައުސް އެޑިޝަނާއި ޕީޕަލްސް އެޑިޝަން ބާއްވާނެއެވެ.

"އަޅުގަނޑުމެންގެ ނޮމިނޭޝަނަށް އަދި މި ހުޅުވާލީއެއްނޫން. މިއަހަރުވެސް ވަރަށް ގިނަ އައު ކަންތައްތަކެއް އަޅުގަނޑުމެން އެވޯޑަށް އެބަ ގެންނަން. އެއްކަމަކީ ޓްރިޕް އެޑްވައިޒަރގެ ޖަޖިންގ ކުރައިޓީރިއާ އެމީހުންގެ އޮންލައިން ސްކޯރިން އަޅުގަނޑުމެން އެބަ އިންޓަގްރޭޓްކުރަން އެބަ މިއަހަރު. ގެސްޓްހައުސް އެޑިޝަނާއި ޕީޕަލްސް އެޑިޝަންވެސް ކުރިއަށްގެންދާނަން." ގިޔާސް ވިދާޅުވިއެވެ.

މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 8ވަނަ އަހަރެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް ޓްރެވެލް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012ވަނަ އަހަރުއެވެ. 5 އަހަރު ފަހުން މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ބައެއްގެ ގޮތުގައި ޕީޕަލްސް އެޑިޝަން ވަނީ ތަޢާރަފްކޮށްފައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކެއްގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.