ޚަބަރު

ރައްޔިތުން ނުކުމެ ހަނދުބެލުން - އައްޑޫގެ ސަޤާފަތެއް


ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްސަ މައްސަރެކެވެ. އެމަހަށް ތައްޔާރުވުމުގެގޮތުން ދިވެހިންވެސް ގިނަ ތަފާތު ކަންކަން ކުރެއެވެ.

ރާއްޖޭގެ އެންމެދެކުނުން އައްޑޫސިޓީގެ ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރާކަންކަން އިހުޒަމާނާ އަޅާބަލާއިރު، މިޒަމާނުގައި ވަރަށްބޮޑަށް ތަފާތެވެ. އެހެންނަމަވެސް ކާބަފައިންގެ ޒަމާނުއްސުރެން މާބޮޑެތި ބަދަލުތަކެއްނައިސް އައްޑޫސިޓީގައި ފާހަގަކުރަމުންއަންނަ އެއްކަމަކީ ރަމަޟާންމަހުގެ ހަނދު ބެލުމުގެ ޙަރަކާތްތަކެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކާ ޚިލާފަށް އައްޑޫސިޓީގެ ރައްޔިތުންނަކީ ކޮންމެ ރަމަޟާންމަހެއްގެވެސް ރޯދަ ހިފަން ފެށުމުގެ ކުރިން ހަނދު ބެލުމުގައި ޙަރަކާތްތެވިވާ ބައެކެވެ. އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ ހަނދު ބެލުމުގެ ރަސްމީ ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސްކޫލް ކުދިންގެވެސް ބައިވެރިވުމާއެކުއެވެ.

ހިތަދޫ އީދިގަލިކިޅި ސަރަހައްދުން ފުއްޓަަރާވީ ފަރާތުގައި ހަނދު ބެލުމަށް ބޭއްވި ރަސްމީ ޙަރަކާތުގައި ސިޓީ ކައުންސިލްގެ ބޭފުޅުންނާއި އައްޑުއަށް ނިސްބަތްވާ ދީނީ ޢިލްމުވެރިންނާއި އައްޑޫ ސިޓީ ހިރާ ސްކޫލުގެ ދަރިވަރުންނާއި ހިރާ ސްކޫލުގެ މުދައްރިސުންވަނީ ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ހިރާ ސްކޫލުގެ ދަރިވަރަކު ބުނީ ކާބަފައިންގެ ޒަމާނުންސުރެ އައްޑޫގައި ކުރަމުންއަންނަ ސަޤާފީކަމަށް މިކަންވެފައިވާތީ މިޒާމުގައި އެހެންގޮތަކަށް ހަނދުސާބިތުކުރިޔަސް މިއީ މުހިންމު ޙަރަކާތެއްކަމަށެވެ. އަދި މިފަދަ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވަރަށްބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ކީތިރި ރަސޫލާގެ ސުންނަތެއް ދިރުވުމަށްޓަކައި ކުރާކަމެއްކަމަށާ މިކަމާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

"ވަރަށް އުފާވެއްޖެ ހަނދު ނުފެނުނަސް. މިއީ އަޅުގަނޑުމެންގެ ކާބަފައިން ވަރަށް ކުރީއްސުރެން ކުރަމުން އައި އަޅުގަނޑުމެންގެ ޞަޤާފަތަކަށްވާތީ މިކަން އިޙްތިޔާރުކުރީ. ދެން އަޅުގަނޑުމެން މިއަދު ހަނދުބަލަން މިއައީ ރަސޫލާގެ ސުންނަތެއް ދިރުވުމަށްޓަކާއި މިކަން ޙާސިލްކުރެވުނީތީ ވަރަށް އުފާކުރަން" ހިރާ ސްކޫލްގެ ދަރިވަރަކު ބުންޏެވެ.

އިހުޒަމާނުގައި ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އައްޑޫގެ ކަމުވޮށިގެންވާ ބޭފުޅުން ޝައުބާން މަހުގެ 29 ވަނަ ދުވަހު އަސުރުނަމާދަށްފަހު މަޢުރިބް ނަމާދަށް ތައްޔާރުވެގެން އައްޑޫގެ އެކި ރަށްރަށުގައި އެކިސަރަޙައްދުތަކަށް ޖަމާވެ ހަނދުބެލުމުގައި ޙަރަކާތްތެރިވެއެވެ. މިގޮތަށް އެއްވާއިރު ލުއިކާނާވެސް ގެންދެއެވެ. އެގޮތުން އިހުގައި ގެންގޮސް އުޅުނީ ކަދުރާއި ކާއްޓާއި ވަޅޯމަހާއި އައްޑޫ ބޮނޑި ފަދަ ތަކެއްޗެވެ. މިހަރަކާތް ނިމުމަށްފަހު އެނބުރި ގެއަށްދާނީ މަޢުރިބް ނަމާދު ކޮށްގެންނެވެ.