ޚަބަރު

އައިޖީއެމްއެޗުން ރޯދަމަހު ޚިދުމަތްދޭ ގަޑިތައް


އައިޖީއެމް ހޮސްޕިޓަލުން ރަމަޟާންމަހު ޚިދުމަތްދޭ ގަޑިތައް އެހޮސްޕިޓަލުން ޢާއްމުކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ ހެޑް މުޙައްމަދު މުފީދު ވިދާޅުވީ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު އެންމެ ފުރިހަމަ ޚިދުމަތެއް ޢާއްމުނަށް ފޯރުކޮށްދިނުމަށްކަމަށެވެ.

އެހެނިހެން މަސްމަހުގައި ސްޕެޝަލިސްޓުންގެ ޚިދުމަތް އިރު އޮއްސި 6 ޖެހުމާ ހަމައަށް ދިންނަމަވެސް ރަމަޟާންމަހު ސްޕެޝަލިސްޓުންނަށް ދެއްކުމަށް ހެނދުނު 9އިން ހަވީރު 4އާ ހަމައަށް ޚިދުމަތްދެމުން ގެންދަނެކަމަށެވެ.

ހޮސްޕިޓަލުން ހޯދާ ޚިދުމަތްތަކުގެ ތެރޭގައި ލެބޯރެޓަރީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8އިން ހަވީރު 5 ޖެހުމާހަމައަށެވެ. އަދި ކެމުގެ 2 ގަޑިއިރު ފަހުން ހަދަންޖެހޭ ޓެސްޓްތައް ހެދުން ރޭގަނޑު 8އިން ފެށިގެން 10 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.

މީގެއިތުރުން އަލްޓްރާސައުންޑް ސްކޭން ހެދުން ރޯދަމަހު ކުރިއަށްގެންދާނީ ހެނދުނު 9އިން ހަވީރު 4 ޖެހުމާހަމައަށް ކަމަށާ ސީޓީ ސްކޭ ހެދުން އޮންނާނީ ހެނދުނު 9އިން މެނދުރު 1 ޖެހުމާ ހަމައަށްކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އަދި އެކްސްރޭ ނެގުމާއި އެމްއާރްއައިގެ ޚިދުމަތް ދޭނީ ހެނދުނު 9 އިން ރޭގަނޑު 9 އަކަށްކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އީސީޖީގެ ޚިދުމަތް ޢާއްމު މަސްމަހު ރޭގަނޑު ދިންނަމަވެސް ރޯދަމަހު އެޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9އިން މެނދުރު ފަހު 3 ޖެހުމާހަމައަށެވެ. އަދި ފިޒިއޮތެރަޕީގެ ޚިދުމަތް މިހާރު ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9އިން ހަވީރު 4 ޖެހުމާހަމައަށެވެ. އަދި ޖެނެރަލް އޯޕީޑީގެ ޚިދުމަތް ހެނދުނު 11އިން ހަވީރު 5 އަކަށް އަދި ރޭގަނޑު 7:30 އިން މެންދަމު 1 ގަޑި ތިރީހަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ ރޯދަމަހު ސްޕެޝަލިސްޓުންނަށް ދައްކާ ގަޑިތަކާއި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ގަޑިތައް މަދުވިނަމަވެސް ކުއްލި ޙާލަތްތަކުންގައި މަސައްކަތްކުރާނެ ޑޮކްޓަރުންނާއި އިމަރޖެންސީގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.