ވިޔަފާރި

ފަސްމީރު އުފެއްދުމެއްގެ ގޮތުގައި ތުތި ބޯވަދިލަމަސް ބާޒާރަށް ނެރެފި


ފަސްމީރު ބްރޭންޑެއްގެ ގޮތުގައި މިފްކޯއިން ތުތި ބޯވަދިލަމަސް ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ

މިފްކޯ ފަސްމީރު ފިހާރައިގައި ބޭއްވި ހަފްލާއެއްގައި ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަސް ބާޒާރަށް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

މިފްކޯއިން ތުތި ބޯވަދިލަމަސް ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމާއި ގުޅިގެން ޕީއެސްއެމްނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ފައުޒީ ވިދާޅުވީ، މަސްވެރިން ބާނާ ތުތި ބޯވަދިލަމަސް މާކެޓްކުރުމަކީ ފިޝަރީޒް މިނިސްޓްރީގެ އިސްނެގުމުގެ މަތިން މިފްކޯއިން ފަށާފައިވާ މަސައްކަތެއްކަމަށެވެ. ފައުޒީ ވިދާޅުވީ ތުތި ބޯވަދިލަމަސް މިފްކޯއަށް ލިބެމުންދާ ވަރަކަށް ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނޭކަމަށެވެ.

"މިފްކޯއަށް މިހާތަނަށް ލިބިއްޖެ ގާތްގަނޑަކަށް 800 ކިލޯގެ ތުތި ބޯވަދިލަމަސް. މަސްވެރިންގެ އަތުން މިފްކޯއިން މި ގަންނަނީ ކިލޯއެއް ގާތްގަނޑަކަށް 180ރުފިޔާއަށް. މިބާވަތުގެ މަސްވެރިކަމުން މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަކީ މިފްކޯގެ އަމާޒް" މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވިއެވެ.

ތުތިބޯވަދިލަމަހުގެ މަސްވެރިކަން ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިހާތަނަށް ރާއްޖޭގެ މާކެޓުގައި ވިއްކަން ހުންނަނީ ބޭރުޤައުމުތަކުން ރާއްޖެއަށް އެތެރެކޮށްފައި ހުންނަ މަހެވެ. ދިވެހި މަސްވެރިން ބާނާ ތުތި ބޯވަދިލަމަސް މިފްކޯއިން މާކެޓްކުރަންފަށައި، މަސްވެރިންނަށް އޭގެ ނަފާ ލިބެންފެށުމުން، މިބާވަތުގެ މަސްވެރިކަމަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެކަމަށް މިފްކޯއިން ދެކެއެވެ.

ތުތި ބޯވަދިލަމަސް މިފްކޯއަށް ލިބޭ އަދަދު ބަލައި ކުރިއަށްއޮތްތަނުގައި ބައިނަލްއަޤްވާމީ ބާޒާރަށް މި މަސް އެކްސްޕޯޓުކުރުމަށް ވިސްނަމުންދާކަމަށްވެސް ފައުޒީ ވަނީ ވިދާޅުވެފައެވެ.

ފަސްމީރު އުފެއްދުމެއްގެ ގޮތުގައި މިފްކޯއިން ތުތި ބޯވަދިލަމަސް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާއިރު، ބާޒާރުގައި ވިއްކަމުންދާނީ ހަތަރު ގޮތަކަށް ބަންދުކޮށްގެންނެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައު ވައްތަރުތަކުގެ މަސްވެރިކަމަކަށް ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކެވެ. ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީނާއި އާލާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން 7 ފަރާތަކަށް ވަނީ މިއަހަރުގެ ތެރޭގައި ދީފައެވެ.