ސިއްހަތު

ފެމިލީ ޑޮކްޓަރުންގެ ޚިދުމަތް 2 މަސްތެރޭ ފެށޭނެ - ޒުޙޫރު


ސަރުކާރުގެ ސިއްޙީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފެމިލީ ޑޮކްޓަރުންގެ
ޚިދުމަތް ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭ ފެށިގެންދާނެކަމަށް ހެލްތް މިނިސްޓަރ
އަހުމަދު ޒުޙޫރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ، ފެމިލީ ޑޮކްޓަރުންގެ ޚިދުމަތް
ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ، ޖީ.ޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް ބޭނުންވާ ޑޭޓާ
ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ.  ފެމިލީ ޑޮކްޓަރުންގެ ޙިދުމަތް ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރ، ޖީ.ޕީގެ ޚިދުމަތާއި
ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، ރާއްޖޭގެ
ސިއްޙ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަހުގެ ޒަމާނީ
ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ
މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން އަލަށް ތަޢާފަރުކުރުމަށް
މަސައްކަތްކުރަމުންދާ ފެމިލީ ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ
ޑޭޓާ ބޭސް އެކުލަވާލުމުގެ މަސައްކަތް އޭޕްރިލްމަހުގެ ތެރޭގައި އެއްކޮށް
ނިންމާލެވޭނެ ކަމަށާއި، މި ނިޒާމް ޤާއިމުކުރެވިގެން ދިއުމާއިއެކު ރާއްޖޭގެ ހުރިހާ
ސަރަޙައްދެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެއް ނެޓްވޯކަކުން
ގުޅާލެވިގެންދާނެކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ، ސްޕެޝަލިސްޓުންނާއި
އަދި ޑޮކްޓަރުންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު
އިތުރުކުރުމަށް ހެލްތް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މި އަހަރުގެ
ޖުލައި މަހުގެ ކުރިން ވިހި ދިވެހިން ސްޕެޝަލިސްޓުންގެ ގޮތުގައި ތަމްރީން ކުރުމަށް
ހަމަޖެހިފައިވާކަމަށެވެ. އަދި އެކަމަށް ހިނގާ ހުރިހާ ހަރަދެއްވެސް ކުރުމަށް
ހަމަޖެހިފައިވަނީ ސަރުކާރުން ކަމަށާއި، ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް ބޭނުންވާ
ބަޖެޓް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ
ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް ބޭރުގެ ޔުނިވަރސިޓީތަކުން ޖާގަ ހޯދުމަކީ
ފަސޭހަކަމެއް ނޫންކަމަށާއި، އެހެންނަމަވެސް ދާދިފަހުން ސާކް ސަރަހައްދުގައި ހިމެނޭ
ޤައުމުތަކުގެ ސިއްހީ ވަޒީރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެޤައުމުތަކުގެ ފަރާތުން ރާއްޖެއަށް މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ
އިޝާރާތެއް ލިބިފައިވާކަމަށެވެ. ހެލްތް މިނިސްޓްރީން ދާދިފަހުން ވަނީ އަތޮޅުތަކުގައި
ހުސްނުވާ އާސަންދައިގެ ދަށުން ސުޕަރ ސްޕެޝަލިސްޓުންގެ ޙިދުމަތްވެސް ތަޢާރަފުކޮށްފައެވެ.
މި ހިދުމަތުގެ ދަށުން އިންޑިއާ އަދި ލަންކާގެ މަޝްހޫރު ހޮސްޕިޓަލްތައް ހިމެނޭހެން
އެކުލަވާލެވިފައިވާ އަށާރަ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން އެކުލެވޭ ޓީމެއް ކޮންމެ
މަހަކުވެސް މަދުވެގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ހަރަކާތްތެރިވަމުންދާނެކަމަށް
ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.