ޚަބަރު

ޗައިނާއިން ރާއްޖޭގެ ހަ ސަރަހައްދެއްގައި ސާފު ބޯފެން ލިބޭނޭ ނިޒާމު ޤާއިމުކުރަނީ!


ފިފްތް ޕަވަރަ ޕްރޮޖްކްޓާއިއެކު، މާލެގައި އައު ޑީސެލިނޭޝަން ޕްލާންޓަކާއި، ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ ޑީސެލިނޭޝަން ޕްލާންޓްތަކެއް ޤާއިމުކުރުމަށް ސަރުކާރާއިއެކު އެއްބަސްވެފައިވާކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު މީޑިއާ އާއި ހިއްސާކުރައްވަމުން، ރާއްޖޭގައި ހުންނަވާ ޗައިނާ އެމްބަސީގެ ފަސްޓް ސެކެޓްރީ ޝާޝާވީ ވިދާޅުވީ، އަންނަ އަހަރު ފެށެން ވާއިރަށް ނިންމުމަށް އަމާޒު ހިފާފައިވާ ފިފްތް ޕަވަރ ޕްރޮޖެކްޓަކީ، މާލެ ސަރަހައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ޕްރޮޖެކްޓެއްކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓުން އުފައްދާ ކަރަންޓުގެ އެހީގައި ޑީސެލިނޭޝަން ޕްލާންޓެއް ތަރައްޤީކުރަން ނިންމާފައިވާކަމަށް ޝާޝާވީ ވިދާޅުވިއެވެ. އެގޮތުން ފިފްތް ޕަވަރ ޕްރޮޖެކްޓްވެގެންދާނީ މާލޭގެ ފެނާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެޅޭ ބޮޑު ފިޔަވަޅަކަށްކަމަށް ޝާޝާވީ ވިދާޅުވިއެވެ.

"ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ. ބްރިޖް މެދުވެރިކޮށް އަޅާ ކޭބަލްއަކީ 132 ވޯލްޓޭޖްގެ ކޭބަލްއެއް. އެހެންކަަމުން މިކަމުން މާލޭގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ." ޝާޝާވީ ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސާފު ބޯފެން ނުލިބުމުގެ މައްސަލަކަން ފާހަގަކުރައްވާ، ޗައިނާ އެމްބަސީގެ ފަސްޓް ސެކެޓްރީ ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ 5 ރަށެއްގައި މައިކްރޯ ގްރިޑް ޑީސެލިނޭޝަން ޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް 2017 ވަނަ އަހަރު ސަރުކާރާއިއެކު މަޝްވަރާކޮށްފައިވާކަމަށެވެ. މި މަސައްކަތް އަދި މަޑުޖެހިފައި އޮތް ނަމަވެސް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޕްރޮޖެކްޓްގެ އެގްރިމެންޓްތަކުގައި ސޮއިކުރެވޭނެކަމަށް ޝާޝާވީ ވިދާޅުވިއެވެ.

100 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ މި ފެން ޕްލާންޓްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ކ. ކާށިދޫ، ޅ. ކުރެންދޫ، ރ. އަލިފުށި، ހއ. ކެލާ އަދި ގއ. ދާންދޫގައެވެ. އެގޮތުން މި މަޝްރޫޢު ފުރަތަމަ ފަށާނީ، ކ. ކާށިދޫ އާއި ޅ. ކުރެންދޫގައިކަމަށް ޝާޝާވީ ވިދާޅުވިއެވެ. މިއިން ކޮންމެ ޕްލާންޓަކުންވެސް 2500 މީހުންގެ އާބާދީއަކަށް ސާފު ފެން ފޯރުކޮށްދެވޭނެއެވެ.

"މައިކްރޯ ގްރިޑް ޑީސެލިނޭޝަން ގްރިޑް ޕްރޮޖެކްޓް 5 ރަށެއްގައި ކުރިއަށްދާއިރު، މި މަސައްކަތް ފުރަތަމަ ކުރިއަށްދާނީ ކާށިދޫ އަދި ކުރެންދޫގައި. އެގޮތުން މި ދެ ރަށުގައި 6 މަސްދުވަހުގެ ތެރޭގައި ވަސީލަތްތަށް ޤާއިމުކޮށް ނިންމާލެވޭތޯ މަސައްކަތްކުރާނެ. އަދި ބާކީ 3 ރަށުގައި 8 މަސްދުވަސް މިކަމަށް ނަގާނެކަމަށް ބެލެވެނީ. މިއީ 10،000 މީހުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ ޕްރޮޖެކްޓެއް." ޝާޝާވީ ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގައި މިހާރުވެސް 3 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީއާއިއެކު އިތުރު 4 މަޝްރޫޢެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.