ޚަބަރު

ވިސާ ހަމަނުޖެހެނީސް ރާއްޖެ އެތެރެވާ ފަރާތްތައް އަނބުރާ ފޮނުވާލެވޭނެ- އިމިގްރޭޝަން


އެކި ބޭނުންތަކުގައި ރާއްޖެ އަންނަ ފަރާތްތަކަށް ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ރާއްޖެ އައިނަމަވެސް ރާއްޖޭގެ ބޯޑަރ ލައިން ހުރަސްކުރުމުގެ ފުރުޞަތުދެވެން ނެތްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މިހެން ވިދާޅުވީ ރާއްޖެ ދަތުރުކުރާ ބޭނުމުގެ ގޮތުން ސްޕެޝަލް ވިސާ އާއި ބިޒްނަސް ވިސާ ނަގަންޖެހޭ ފަރާތްތަކުން އެފަރާތްތަކުން އެދުނު ވިސާ ހަމަޖެހުނުކަން އިމިގްރޭޝަނުން ނާންގަނީސް ބައެއް ފަރާތްތަކުން ރާއްޖެއަށް ދަތުރުކުރަމުން ދާތީއެވެ.

އެހެންކަމުން އިމިގްރޭޝަންގެ ހުއްދަ ނުލިބެނީސް ބޭރުން ރާއްޖެ އެތެރެވާ ފަރާތްތައް އަނބުރާ ޤައުމަށް ފޮނުވާލެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން މިހާރުވެސް ދަނީ އެ އިދާރާގެ ހުުއްދަ ނެތި އަންނަ ފަރާތްތައް އަނބުރާ ފޮނުވާލަމުންނެވެ. މިކަމާއި ގުޅިގެން އާންްމުންގެ އެއްބާރުލުން އިމިގްރޭޝަނަށް ދިނުމަށް އިމިގްރޭޝަން ކޮންޓްރޯލަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރ ސެކިއުރީގެ ނިޒާމު ވަރުގަދަކޮށް، ޕޯޓުތަކުގެ ސަލާމަތީ ކަންކަން ވަރުދަގަ ކުރުމަށް ދާދިފަހުން ޕޯޓުތަކުގައި ބޭނުންކުރާ ސެކިއުރިޓީ ސިސްޓަމްތައްވެސް އަޕްޑޭޓްކޮށްފައެވެ.