ޚަބަރު

މަޝްހޫރު ޅެންވެރިޔާ ދަރަވަންދޫ ސައީދު އަލިފުޅު ނިޔާވެއްޖެ


ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަގުނަ
ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ބ. ދަރަވަންދޫ ސައީދު އަލިފުޅު
ނިޔާވެއްޖެއެވެ.



އޭނާ ނިޔާވެފައިވަނީ، މިއަދު ހެނދުނުގެ
ވަގުތެއްގައި ހުޅުމާލޭ ގައެވެ. ނިޔާވި އިރު
އުމުރުފުޅަކީ 79 އަހަރެވެ.



އޭނާގެ އާއިލާގެ މެމްބަރަކު ވިދާޅުވީ، އޭނާ ނިޔާވީ،
ވަކި އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހުގައި ނޫންކަމަށާއި، މީގެ 48 ގަޑިއިރު
ކުރިންވެސް ޅެން ހެއްދެވުންފަދަ މަސައްކަތުގައި މައްސޫލުވެ އުޅުއްވިކަމަށެވެ.



އޭނާއަށްވަނީ 2013 ވަނަ އަހަރު ދިވެހިބަހާއި
އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. 



އޭނާއަކީ ހާއްސަ ގޮތެއްގައި ޅެންވެރިކަމުގެ
ދާއިރާގައި ގިނަ ގުނަ ހިދުމަތްތަކެއްކުރައްވާ މިދާއިރާއިން އެތަކެއްފޮތެއް ޝާއިޢު
ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަސްރަފް ޢަލީ ވިދާޅުވީ،
ސައީދު އަލިފުޅު ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކޮށްދެއްވާފައިވާ
މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުން ތައުބީނުގެ ޖަލްސާއެއް ބޭއްވުމަށް ދަނީ
ރޭވެމުންނެވެ. އަދި، ދިވެހި ބަހުގެ އެކަޑަމީގައި ތައުޒިޔާގެ ދަފްތަރެއް
ބާއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.




ދިވެހި ބަހުގެ އެކަޑަމީއިން މިހާރުވެސް ގެންދަނީ
އޭނާ ލިޔުއްވާފައިވާ ފޮތެއްކަމަށްވާ " ބައިތުބާޒީ އަށް މަގެއް "
މިފޮތް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.



ސައީދު
އަލިފުޅު ގެ މައްޗަށް ކަށުނަމާދު ކުރުން މިރޭ އިރުއޮއްސި މަޣްރިބް
ނަމާދައްފަހުގައި ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ މިދުނިޔެ
ދޫކުރެއްވި އިރު  4 ފިރިހެން ބޭފުޅުންނާއި
2 އަންހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.