ދިވެހި ރާއްޖޭގައި އޮތީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައި ކަމަށްބުނެ އެމެރިކާއިން އޮޅިގެން ނެރުނު ޓްރެވަލް އެޑްވައިޒަރީ އިސްލާހުކޮށް އައު އެޑްވައިޒަރީއެއް ނެރެފިއެވެ.
އެމެރިކާއިން ނެރެފައިވާ އައު އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖޭގައި ޓޫރިސްޓުން އުޅޭ ސަރަހައްދުތަކާއި އެއަރޕޯޓްފަދަ ތަންތަނުގެ އިތުރުން ވިޔަފާރިކުރާ ތަންތަނާއި ޙިދުމަތްތައް ހޯދުމަށް ޢާންމުން އެއްވެއުޅޭ ތަންތަނަށް ޓެރެރިސްޓް ހަމަލާއެއް ދީފާނެކަމުގެ ބިރު އެބައޮތްކަމަށެވެ. މިއާއެކު ސަލާމަތީ ބާރުތަކަށް އެހީތެރިކަން ފޯރުކުރުމަށް ދަތިވާފަދަ ދުރުރަށްރަށަށް ހަމަލާއެއްދީފާނެ ކަމަށްވެސް އެ އެޑްވައިޒަރީގައިވެއެވެ.
މިކަންކަމުގެ އިތުރުން ރާއްޖެ ދަތުރުކުރާނަމަ ސަލާމަތީ ގޮތުން ބައެއް ފިޔަވަޅުއެޅުމަށްވެސް ވަނީ އަންގާފައެވެ. އެގޮތުން އާންމުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި ވަށައިގެންވާ ހުރިހާ ކަންކަމަށް ސަމާލުވުމުގެ އިތުރުން މަޢުލޫމާތު ހޯދައި ކަަންކަމަށް ތައްޔާރުވެ ތިބުންފަދަ ކަންކަމަށް ސަމާލުވުމަށްވެސް ވަނީ އަންގާފައެވެ.
އެހެންނަމަވެސް ރާއްޖޭގައި މިފަދަ އެއްވެސް ނުރައްކަލެއް އޮތްކަމުގެ އެއްވެސް މަޢުލޫމާތެއް ރާއްޖޭގެ ސަލާމަތީބާރުތަކުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. އަދި ޓެރަރިސްޓު ހަރަކާތެއް ނުވަދަ އެފަދަކަމެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ހިންގަން ބަޔަކު ރާވާނަމަ އެކަމުގެ މަޢުލޫމާތު ހޯދައި އެކަމެއް ހުއްޓުވުމުގެ ފުރިހަމަ ޤާބިލުކަމާއި ބާރު ދިވެހި އަސްކަރިއްޔާއާއި ސަލާމަތީ ބާރުތަކުގެ ކިބައިގައި ވާކަމަށް ދާދިފަހުންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.